ޚަބަރު

ފަހަތުން އަރާ މަހިބަދޫ ބަލިކޮށް ޓީސީން ސެމީއަށް


ފަހަތުން އަރާ މަހިބަދޫ ސްޕޯޓްސް ކުލަބް ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ޔޫތު ޗެންޕިއަންޝިޕްގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީންކޮށްފިއެވެ. މިމެޗްގައި އެންމެ ފުރަތަމަ 2 ލަނޑު ޖަހާފައިވަނީ މަހިބަދޫންނެވެ. ނަމަވެސް ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން ޓީސީންވަނީ 3 ލަނޑު 2 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ. ޓީސީންވަނީ އެޓީމް މިމުބާރާތުގައި ކުޅުނު ދެ މެޗްވެސް ކާމިޔާބުކޮށްފައެވެ.

ފޯރިގަދަ އަދި ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެ ފުރަތަމަ މެޗްގައި ދެ ގޯލް ޖަހާ ލީޑް ނެގީ މަހިބަދޫންނެވެ. މިދެ ލަނޑުވެސް މަހިބަދޫއަށް ކާމިޔާބުކޮށްދިނީ ހަސަން ނާއިމްއެވެ. މަހިބަދޫން މެޗްގައި ލީޑް ނެގުމާއެކު ޓީސީން ވަރަށް ބޮޑަށް އެޓީމްގެ ކުޅުން ރަނގަޅު ކުރިއެވެ. އަދި ފުލުފުލުގައި ޓީސީން ދިޔައީ މަހިބަދޫގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗްގެ 23ވަނަ މިނެޓްގައި ޓީސީން ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ޔޫސުފް ޝާއިފްއެވެ. އަދި މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޓީސީގެ ޝާއިފްވަނީ އިތުރު ލަނޑެއްޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައި މަހިބަދޫއަށް ވުރެ މޮޅަށް ކުޅެފައިވަނީ ޓީސީންނެވެ. ޓީސީންވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެފައެވެ. މެޗްގެ ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޓީސީ މޮޅުކޮށްދިން ލަނޑު މިމެޗްގައި ކާމިޔާބުކޮށްދިނީ ފަހުމާން އަބްދުލް ހަމީދުއެވެ.

ޓީސީ މުބާރާތުގައި ކުޅުނު ދެ މެޗުވެސްވަނީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ މެޗުގައި ޓީސީންވަނީ ވެލެންސިޔާގެ މައްޗަށް 4 ލަނޑު 3 ލަނޑުން ކުރި ހޯދާފައެވެ. ދެވަނަ މެޗުގައި މަހިބަދޫ އަތުން ބަލިކޮށް، ޓީސީން މި ވަނީ ދެ މެޗުން ހޯދި 6 ޕޮއިންޓާއެކު ސެމީގެ ޖާގައެއް ޔަގީންކޮށްފައެވެ. މިގްރޫޕްގެ ދެ ވަނައިގައި އޮތީ 2 މެޗުން 4 ޕޮއިންޓް ހޯދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އެވެ. 3 ވަނައިގައި އޮތް މަހިބަދޫއަށް 2 މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ. ދެ މެޗުން ވެސް ބަލިވި ވެލެންސިއާ ވަނީ މުބާރާތުން ކަޓާފައެވެ.