ޚަބަރު

އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން މެޑްވެޑޭވް އާއި ނަޑާލް ޖާގަހޯދައިފި


އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުން މުބާރާތުގައި ދެވަނައަށް ސީޑް ކުރެވިފައިވާ ރަޝިޔާގެ ޑަނީލް މެޑްވެޑޭވް އާއި ސްޕެއިންގެ ރަފައެލް ނަޑާލް ޖާގަހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން މެޑްވެޑޭވް ޖާގަހޯދީ ސެމީފައިނަލްގައި މުބާރާތުގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް އާއި ބައްދަލުކުރި މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗް މެޑްވެޑޭވް ކާމިޔާބުކުރީ 3 ސެޓް އެއް ސެޓުންނެވެ. އެއީ ހަތެއް ހައެއް، ހަތަރެއް ހައެއް، ހައެއް ހަތަރެއް އަދި ހައެއް އެކަކުންނެވެ.

އެންމެފަހުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތް ކާމިޔާބުކޮށްފައިވާ މެޑްވެޑޭވް އަންނަނީ ޖެހިޖެހިގެން 2 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ.

21 ވަނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމަށް މަަސައްކަތް ކުރަމުން އަންނަ ނަޑާލް މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި މުބާރާތުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ އިޓަލީވިލާތުގެ މަޓިއޯ ބެރެންޓީނީ އާއި ބައްދަލުކުރިމެޗް 3 ސެޓް އެއް ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހައެއް ތިނެއް، ހައެއް ދޭއް، ތިނެއް ހައެއް އަދި ހައެއް ތިނަކުންނެވެ. ނަޑާލްއަށް މިމުބާރާތް ކާމިޔާބު ކުރެވިއްޖެ ނަމަ އޭނާ ވެގެން ދާނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިޔާ އަށެވެ.

ނަޑާލް އާއި ނޯވަކް ޖޯކޮވިޗް، ރޮޖަރ ފެޑެރަރގެ ރިކޯޑް ކަމަށްވާ 20 ގްރޭންޑް ސްލޭމް މުބާރާތާއި އަރާ ހަމަކުރިތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ފެޑެރަރ އަނިޔާގައި ގިނަ ދުވަސްތަކެއް ހުރުމާއެކު 21 ވަނަ މުބާރާތް ކާމިޔާބު ކުރުމަށް ޖޯކޮވިޗް އާއި ނަޑާލް މަސައްކަތް ކުރާތާ މިހާރު ދެތިން މުބާރާތް ހިނގައްޖެއެވެ.

މިމުބާރާތުގެ އަންހެނުންގެ ސިންގަލްސް ފައިނަލްގައި މިއަދު ބައްދަލުކުރާނީ އޮސްޓްރޭލިއާގެ އުންމީދުތަކާއި ގުޅިފައިވާ އެޤައުމުގެ އޭށްލީ ބަރޓީ އާއި 27 ވަނައަށް ސީޑް ކުރެވިފައިވާ އެމެރިކާގެ ޑެނިއެލް ކޮލިންސްއެވެ.