ވިޔަފާރި

"3 އަހަރު ތެރޭގައި ރާއްޖެއާއި އިންޑިއާގެ ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެއްޖެ"


ވޭތުވެ ދިޔަ ތިން އަހަރު ތެރޭ ރާއްޖެއާއި އިންޑިއާ ދެމެދު އޮތް އިޤްތިޞާދީ ގުޅުން ވަރަށް ބޮޑުތަނުން ރަނގަޅުވެ، ވަރުގަދަވެފައިވާކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމާއި މުނޫ މަހާވަރު ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. ދިވެހި މީޑިއާއަކަށް ރަސްމީކޮށް ދެއްވި ފުރަތަމަ ބަސްތީގަތުމުގައި ޕީއެސްއެމްއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިންޑިއާ ސަފީރު ވިދާޅުވީ އިންޑިއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ އަބަދުވެސް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގުޅެމެއް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ވޭތުވެދިޔަ ތިން އަހަރު ތެރޭ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާކަމަށް ސަފީރު ވިދާޅުވިއެވެ.

އިގްތިސާދީ ގުޅުމަށް ބަލާއިރު ދެ ޤައުމު ދޭ ތެރޭ ފެށިފައިވާ ކާގޯ ފެރީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ކޮޗިން އާއި ކުޅުދުއްފުއްޓާއި ދެމެދު ރަސްމީކޮށް ކާގޯ ފެރީ 2020 ވަނަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ފަށާފައެވެ. އަދި މިހާތަނަށް ފެރީގެ ޙިދުމަތް މެދު ނުކެނޑި ކުރިއަށްދެއެވެ. މީގެ އިތުރުން ޓުޓިކޮރިންއިން އައްޑޫއަށްވެސް ހަމަ އެ އަހަރު ފެރީ ދަތުރު ވަނީ ފަށާފައެވެ. މި ދެ ފެރީގައި ކާބޯތަކެއްޗާއި އެކި މަޝްރޫޢުތަކަށް ބޭނުންވާ ގިނަ ސާމާނު މި ދެސަރަހައްދަށް ގެނެއެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު ބާއްވާ ކާގޯ ދަތުރުތަކުގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކަށް ބޭނުންވާ މުދާ ލިބި ކޮންސްޓްރަކްޝަން ސާމާނު އަގުހެޔޮކޮށް ލިބެން ވަނީ ފަށާފައެވެ. އަދި ސަރަހައްދީ ބަނދަރުތަކުގެ ބޭނުން ކުރިއަށްވުރެ ބޮޑަށް ހިފެމުންދާކަން އެ ސަރަހައްދުގެ ބަނދަރުތަކުން ފާހަގަކުރެއެވެ. މިކަމުގެ ސަބަބުންވެސް އިގްތިސާދީ ހަރަކާތްތައް އިތުރުވެ، އާމްދަނީ އިތުރުވެގެންދެއެވެ.

އިންޑިއާގެ ސަފީރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާއިން ރާއްޖޭގެ އިޤްތިޞާދު ހިފެހެއްޓުމަށްވެސް ވަރަށް ބޮޑު އެއްބާރުލުމެއް ވަނީ ވޭތުވެދިޔަ މުއްދަތުގައި ދީފައެވެ. އެގޮތުން ކޯވިޑުގެ ހާލަތުގައި އިންޑިއާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ އެހީތެރިކަމެއް އިޤްތިޞާދު ކޮޅަށް ޖެހުމަށް ދީފައިވާކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދިނީވެސް އިންޑިއާއިން ކަމަށްވާއިރު، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ވެކްސިން ޕްރޮގްރާމެއް ފެށި، ފަތުރުވެރިކަން އިޔާދަވާން ފެށުނުކަންވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން 2020 އަދި 2021 ގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ މާކެޓުންނެވެ. މިއީ ކޯވިޑް ހާލަތުގައި އިންޑިއާއި ރާއްޖެއާ ދެމެދު ޤާއިމުކުރެވުނު ޓްރެވެލް ބަބްލް އެއްބަސްވުމުގެ އިތުރުން، 2018 ވަނަ އަހަރު ޑިސެމްބަރުމަހު ސޮއިކުރެވުނު ވިސާ އެއްބަސްވުމުގެ ސަބަބުން ލިބިގެން ދިޔަ ލުއިފަސޭހަތެކެއްކަން ސަފީރު ފާހަގަކުރެއްވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރު ކޯވިޑު ހާލަތުގެ ދަތުރުފަތުރު މަޑުޖެހިފައި އޮތްއިރުވެސް އިންޑިއާ މާކެޓުން 62،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި 2021 ވަނަ އަހަރު ފަތުރުވެރިކަން އިޔާދަ ވެގެން އައިއިރު މިއަދަދު ވަނީ 290،000 އަށްވުރެ އިތުރުވެފައެވެ. އަދި މިހާރުވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަމުންދާ އެއް ޤައުމެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްތައް އަމާޒު ކުރާނީވެސް އިންޑިއާއާއި ރާއްޖެއާ ދެމެދު އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްކަމަށެވެ.