ދުނިޔެ

އީރާނުގެ މިސައިލް ރައްކާ ކުރާ ބިންގަރާސް ދައްކާލައިފި


އީރާނުން ބެލިސްޓިކް މިސައިލް ރައްކާކުރުމަށް ހަދާފައިވާ ބިންގަރާހެއް އެ ޤައުމުން ދައްކާލައިފިއެވެ.އީރާނުގެ ޤައުމީ ޓީވީއިން ބުނެފައިވަނީ މި ބިންގަރާހަކީ އީރާނުގެ ފަރުބަދަމަތީ ސަރަހައްދެއްގައި ޤާއިމުކޮށްފައިވާ ތަނެއް ކަމަށާއި، މި ބިންގަރާހުގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ އެ ޤައުމުގެ ބާރުގަދަ ރިވޮލޫޝަނަރީ ގާޑުންކަމަށެވެ. އީރާނުން އެ ޤައުމުގެ މިސައިލްތައް ރައްކާކުރާ ބިންގަރާސް ދައްކާލުންވާނީ އެމެރިކާއިން ކަންބޮޑުވާނެ ކަމަކަށް ކަމަށް ޤަބޫލްކުރެވެއެވެ.މިދިޔަ އޮކްޓޯބަރު މަހު އީރާނުން މެދު ރާސްތާގެ ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށްފައިވާތީ އެމެރިކާއިން ވަނީ އީރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައެވެ. ނަމަވެސް، އީރާނުގެ ރައީސް ޙަސަން ރޫޙާނީ ހުސްވި ހަފްތާގައިވަނީ އެ ޤައުމުގެ މިސައިލް ޕްރޮގްރާމް މިހާރަށް ވުރެ ފުޅާ ކުރުމަށް އެ ޤައުމުގެ ދިފާޢީ ވަޒީރަށް އަންގަވާފައެވެ.