ޚަބަރު

އޮސްޓުރޭލިޔާގައި ބަލިޖެހިގެން ރެކޯޑު ޢަދަދެއްގެ ބަޔަކު މަރުވެއްޖެ


ކޯވިޑް-19 ޖެހިގެން އޮސްޓުރޭލިޔާގައި ރެކޯޑު ޢަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ.

އޮސްޓުރޭލިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހިގެން ރެކޯޑު ޢަދަދެއްކަމަށްވާ 98 މީހުން މަރުވެފައިވާކަމަށެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 3،400އަށްވުރެ އިތުރުވެފައެވެ. ނަމަވެސް އެ ޤައުމުގެ ޞިއްޙީ ތަޖުރިބާކާރުން ބުނެފައިވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ހަސްފަތާލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ ބަލި މީހުންގެ ނިޞްބަތް ދަށަށް ދާނެކަމަށެވެ.

ފާއިތުވި ހަފުތާތަކުގައި ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ އޮމިކްރޯންވަނީ ހަލުވިކަމާއެކު އޮސްޓުރޭލިޔާގެ އެކި ސަރަޙައްދުތަކުގައި ފެތުރެން ފަށައިފައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 40،000އަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. މީގެ ހަތަރު ހަފުތާ ކުރިން އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 400،000އެވެ. ނަމަވެސް އެ ޢަދަދު މިހާރުވަނީ 2 މިލިޔަނަށްވުރެ އިތުރުވެފައެވެ.

25 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އޮސްޓުރޭލިޔާގެ 18 އަހަރުން މަތީގެ އާބާދީގެ %93 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯސް ފުރިހަމަކޮށްފައެވެ. އަދި އެ ޤައުމުގެ 18 އަހަރުން މަތީގެ އާބާދީގެ %33 މީހުންވަނީ ކޯވިޑް-19ގެ ވެކްސިންގެ ތިންވަނަ ޑޯސް ޖަހައިފައެވެ.