ދުނިޔެ

އައި.އެސްގެ އަތް ދަށުގައި ހުރި ބިންތައް ގެއްލެނީ


ހައްދުފަހަނަ އަޅާފައިވާ ނުރައްކާތެރި ޓެރެރިސްޓް ޖަމާއަތެއްކަމަށްވާ އައި.އެސް. ޖަމާއަތުން އިރާޤާއި ސޫރިޔާގައި އަތްގަދަކޮށްފައިވާ ގިނަ ބިންތަކެއް އެ މީހުންގެ އަތްދަށުން މިނިވަންކޮށްފިއެވެ.އެ ޖަމާޢަތުން އިރާޤުގައި ހިފާފައިވާ ބިންތަކުގެ 40 އިންސައްތަ ގެއްލި، ސޫރިޔާގައި އަތްގަދަކޮށްފައިވާ ބިންތަކުގެ ތެރެއިން ވިހި އިންސައްތަ ހުސްވި އަހަރުގެ ތެރޭގައި މިނިވަންކޮށްފައިވާކަމަށް އެ ޖަމާޢަތާއި ދެކޮޅަށް ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ގުޅިފައިވާ އިއްތިހާދުން ހާމަކުރެއެވެ.ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގުޅިފައިވާ އިއްތިހާދުގެ ތަރުޖަމާނު އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިސަރެއްކަމަށްވާ ކަރނަލް ސްޓީވް ވޮރަން ވިދާޅުވީ، މި ދެ ޤައުމުގައި އައި.އެސް. ޖަމާއަތުން ހިސާރުކޮށްގެން އުޅޭ ބިންތަކުގެ ޖުމްލަ 30 އިންސައްތަ އެޖަމާޢަތަށް ގެއްލިފައިވާކަމަށެވެ.އަދި 2015 ވަނަ އަހަރުގެ މެއި މަހުގެ ފަހުން އައި.އެސް. ޖަމާޢަތުން އިތުރު ބިމެއް ހިސާރުކޮށްފައި ނުވާކަމަށް ބައިނަލްއަޤްވާމީ އިއްތިހާދުގެ ތަރުޖަމާނު ވިދާޅުވިއެވެ. ވޮރަން ވިދާޅުވީ، އައި.އެސް.އާއި ދެކޮޅަށް އިރާޤުގައި ކުރިއަށް ގެންދާ އޮޕަރޭޝަންގައި މި ހަފްތާގެ ހޯމަ ދުވަހު ގުޅިފައިވާ އިއްތިހާދުން ދީފައިވާ ހަމަލާތަކުގައި އެކަނިވެސް އައި.އެސް. ހަނގުރާމަވެރިން 100 މީހުން މަރުވެފައިވާކަމަށެވެ.