ކުޅިވަރު

ސަސްއިން ފުރަތަމަ މޮޅު ހޯދައިފި


ޔޫތް ޗެންޕިއަންޝިޕްގައި މާޒިޔާ ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މިމެޗް ސުޕަ ޔުނައިޓެޑް ސްޕޯޓްސްއިން ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. ސަސްއިން ފުރަތަމަ މޮޅު ހޯދާފައިވާއިރު، މިއީ އެޓީމްއިން ޔޫތް ޗެންޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރުއެވެ.

މިމެޗް ފެށިގެން ދެ ޓީމްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް އެއްވަރުގެ ކުޅުމެކެވެ. މެޗްގެ ކުރީކޮޅުގައި ދެ ޓީމްއަށްވެސް މާ ރަގަނޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މެޗްގެ ފުރަތަމަ ގޯލް ޖެހުމަށް މާޒިޔާގެ މުހައްމަދު އިޔާން ހަސަންއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ. މި ފުރުސަތަށްފަހު މާޒިޔާއިން މެޗްގައި މޮޅަށް ކުޅުނު ނަމަވެސް، ސަސްގެ ޑިފެންޑަރުން ދިޔައީ މާޒިޔާއިން އުފައްދަމުންދިޔަ ގިނަ ހަމަލާތައް ހުއްޓުވަމުންނެވެ. މެޗްގައި ސަސްއިން އެޓީމްގެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ މެޗްގެ 35 ވަނަ މިނެޓްގައެވެ. ސަސްގެ ވިޝާހު އަބްދު މަޖީދު ފޮނުވާލި ބޯޅަވަނީ މާޒިޔާގެ ކީޕަރު ތާއިފް އަލީ ނަސީމް ދިފާޢުކޮށްފައެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ މާޒިޔާއިންނެވެ. ނަމަވެސް އެޓީމްއަށް ސަސްގެ ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗްގައި ސަސްއިން ޖެހި ގޯލް އެޓީމްއިން ކާމިޔާބުކުރީ މެޗްގެ 62 ވަނަ މިނެޓްގައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ސަސްއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުތާއު އަހުމަދުއެވެ. މެޗްގައި ސަސްއިން ލީޑް ނެގުމާއެކު އެޓީމްގެ ފަރާތުން ދެން ފެނިގެންދިޔައީ ވަރަށް ލަސް ކުޅުމެކެވެ. އަދި އެޓީމްއިން ކުޅުމުގެ ބަދަލްގައި ވީހާވެސް ގިނަ ވަގުތު ކުޅެމުން ބޭރުގައި ބޯޅަ ބޭއްވުމަށް މަސައްކަތް ކުރިއެވެ.

މެޗުން ބަލިވެފައި އޮތުމުން މާޒިޔާއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. ނަމަވެސް މާޒިޔާއިން އުފައްދަން މަސައްކަތް ކުރި ގިނަ ބޯޅަތައް ވަނީ ސަސްގެ ޑިފެންޑަރުން މަތަކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސަސްގެ ޑިފެންޑަރު އަހުމަދު އައިހަމް މޫސާއެވެ.

މާޒިޔާ ބަލިކޮށް ސަސްއަށް ލިބުނު ތިން ޕޮއިންޓްއާއެކު، އެޓީމް ވަނީ ތާވަލްގެ ދެ ވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. މާޒިޔާ އަށް 2 ވަނަ ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. ގްރޫޕް އޭގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި އީގަލްސްއެވެ.