ކުޅިވަރު

ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފި


ކުޅުންތެރިންގެ ފެންވަރު ދެނެގަތުމަށް ގައުމީ ޓީމްގެ ފަރިތަކުރުންތަށް ފަށައިފިއެވެ.

ކުޅުންތެރިން ފެންވަރު ދެނެގަތުމަށް ގައުމީ ޓީމްގެ ފަރިތަކުރުންތައް ފަށާފައިވާއިރު، މިޓީމްގައި މިވަގުތު ތިބީ ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. މިފަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކުރިއަށް ދިޔައިރު، ގައުމީ ކޯޗް ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ކުޅުންތެރިންގެ ކުޅުން ވަރަށް ރަނގަޅަށް ބަލާފައެވެ.

މިފަހަރު އެކުވަލާވި ސްކޮޑްގައި އެންމެ ފަހަގަކޮށްލެވޭ ކުޅުންތެރިއަކީ ރިލްވާން ވަހީދު އާއި ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ)އެވެ. ރިލްވާން ވަހީދުއަށް ގައުމީ ޓީމްއިން ޖާގަ ދީފައި މިވަނީ 4 އަހަރަށްފަހުއެވެ. ރިލްވާން ވަހީދު ގައުމީ ސްކޮޑްއަށް ނަގާފައިވާއިރު، ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕްގައި އޭނާގެ ފަރާތުންވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި މީގެއިތުރުން ޔުނައިޓެޑް ވިކްޓަރީގެ އަހްމަދު ބައްސާމް (ބައްކު)އަށްވެސް ވަނީ މިފަހަރުގެ ގައުމީ ސްކޮޑްއިން ފުރުސަތު ދީފައެވެ.

ގައުމީ ޓީމްއިން ފަރިތަކުރުންތައް ފެށިއިރު، އެޓީމްއަށް އަވަސް މުސްތަގްބަލެއްގައި މެޗްއެއް ނުކުޅޭނެއެވެ. ނަމަވެސް ލަންކާގައި ފެށުމަށް ހަމަޖެހިފައިވާ ބައިނަލްވާމީ މުބާރާތެއްގައި ރާއްޖެއިން ވާދަކޮށްފައިވާނެކަމުގެ އިޝާރާތެއްވަނީ ދީފައެވެ. މިހާރުގެ ގައުމީ ކޯޗް މޮރިއޭރޯގެ ކޯޗްކަމުގެ ދަށުން ރާއްޖެއިން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގައި ލަންކާގައި ކުރިއަށްދިޔަ މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތުގައެވެ. މިމުބާރާތުގައި ރާއްޖެއިން ވާދަކުރި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.