ޚަބަރު

ޕެރޯލްގެ ދަށުން މި އަހަރު 300 ގައިދީން ދޫކޮށްލަނީ


މި އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން 300 ގައިދީން މުޖުތަމަޢަށް ދޫކޮށްލެއްވުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސްއިން ހާމަކުރައްވައިފިއެވެ.ޕީއެސްއެމްއާ ވާހަކަދައްކަވަމުން ކަމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު ހުޝާމް ވިދާޅުވީ، ޕެރޯލްގެ ދަށުން ގައިދީން މުޖުތަމަޢަށް ދޫކޮށްލެއްވުމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް މިހާރުވެސް ފަށްޓަވާފައިވާ ކަމަށެވެ. އެކަންކަން ނިމުނުހާ އަވަހަކަށް ޕެރޯލް ބޯޑުން ގައިދީންނާ ކުރައްވަންޖެހޭ އިންޓަރވިއުތައް ފަށްޓަވާނެކަމަށާއި، އެކަމަށް އެންމެ ގިނަވެގެންވެސް ހޭދަވާނީ 3 ހަފްތާގެ މުއްދަތުކަން ހުޝާމް ފާހަގަކުރެއްވިއެވެ. ހުޝާމް ވިދާޅުވީ، ޕެރޯލްގެ ދަށުން މިހާރު މުޖުތަމަޢަށް ދޫކޮށްފައި ތިބި ޤައިދީންގެ ތެރެއިން ޕެރޯލްގެ މުއްދަތު ހަމަވެފައިވާ މީހުންގެ މަޢުލޫމާތުވެސް އެއްކުރައްވަމުންދާ ކަމަށެވެ.2015 ވަނައަހަރު ޕެރޯލް ބޯޑުން ވަނީ ޙުކުމް ތަންފީޒުކުރަމުން ދިޔަ 129 މީހަކާ އިންޓަރވިއުކޮށް، 77 މީހަކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ދޫކޮށްފައެވެ. ޕެރޯލަކީ، ޙުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމްގެ މުއްދަތު ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކަތެރިކަން ނުގެއްލޭ ގޮތެއްގެ މަތިން މުޖުތަމަޢަށް އަޙުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު މުޖުތަމައަށް ދޫކުރުމުގެ ފުރުޞަތު ދިނުމެވެ. ޕެރޯލްގެ ދަށުން ދޫކުރާ މީހުން، ޕެރޯލްގެ މުއްދަތުގައި، އިތުރު ކުށެއް ކޮށްފިނަމަ ޙުކުމުގެ ބާކީބައި ތަންފީޒުކުރަންޖެހޭ. ޕެރޯލްގެ ދަށުން ދޫކުރާ މީހުން ކަނޑައަޅާނީ އެކަމަށް ޚާއްޞަކޮށްފައި އޮންނަ ޕެރޯލް ބޯޑުންނެވެ.