އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބް އީގަލްސްއިން ދަ ގްރާންޑޭ ފަސޭހަކަމާއެކު ބަލިކޮށް، އެޓީމް ކުޅުނު ދެ ވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.
މިމުބާރާތުގައި ކުލަބް އީގަލްސްއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދާފައިވަނީ 6 ލަނޑު 0 ލަނޑުންނެވެ.
އީގަލްސް އާއި ދަ ގްރާންޑޭ ކުޅުނު މެޗްގައި ގިނަ ވަގުތު ބޯލަ ގެންގުޅެ، ގިނަ ހަމަލާތަށްވެސް އުފައްދާފައި ވަނީ އީގަލްސްއިންނެވެ. އީގަލްސްގެ ކެޕްޓަން ހުމެއިދު ހުސައިންއަށް ލިބުނު ދެ ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. އީގަލްސްއިން ހަމަލާތައް އުފައްދަމުންދަނިކޮށް، ގޯލްއެއް ޖަހަން އެންމެ ރަގަނޅު ފުރުސަތު ލިބުނީ މުހައްމަދު ރިޝާންއަށެވެ. ނަމަވެސް ރިޝާން ފޮނުވާލި ބޯޅަވަނީ ދަ ގްރާންޑޭގެ ކީޕަރު ނައްފާޒް ސައުދު ދިފާއުކޮށްފައެވެ.
މެޗްގައި ދަ ގްރާންޑޭއަށް ގޯލް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މެޗްގެ 25ވަނަ މިނެޓްގައި މިލްހާން އިބްރާހިމްއަށެވެ. މިލްހާން ފޮނުވާލީ ބޯޅަ ގޯލްއަށް ވަންނަން ދަނިކޮށް އީގަލްސްގެ ކީޕަރު ޝައިހާން އަލީވަނީ ދިފާޢުކޮށްފައެވެ. އީގަލްސްއިން އުފައްދަމުންދިޔަ ހަމަލާތައް އެޓީމްއަށް ކާމިޔާބުވީ މެޗްގެ 37 ވަނަ މިނެޓްގައެވެ. މެޗްގައި އީގަލްސްގެ ފުރަތަމަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ މިޖްދާފް އަބްދުލް މަޖީދުއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސްއިން ވަނީ އިތުރު ދެ ގޯލް ޖަހާފައެވެ. މިދެ ގޯލް އީގަލްސްއަށް ކާމިޔާބުކޮށްދިނީ އަހުމަދު އިރާސް އާއި މުހައްމަދު ރިޝާންއެވެ.
މެޗްގެ ދެވަނަ ހާފްގައިވެސް މޮޅަށް ކުޅެފައިވަނީ އީގަލްސްއިންނެވެ. މެޗްގެ 49 ވަނަ މިނެޓްގައި އީގަލްސްއިން އެޓީމްގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރިއެވެ. މިލަނޑު އީގަލްސްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފްއެވެ. މިލަނޑު ދަ ގްރާންޑޭގެ ގޯލްއަށް ވަދެފައިވަނީ އެޓީމްގެ ކީޕަރު ނައްފާޒް އަތުގައި ޖެހިފައެވެ. ދެވަނަ ހާފްގައިވެސް ދަ ގްރާންޑޭއަށް ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެޓީމްއިން ބޯޑަށް ބަލާފައިވަނީ ކައުންޓަ އެޓޭކުގައި ހަމަލާ އުފެއްދޭ ތޯއެވެ.
މެޗްގެ ފަހު ކޮޅުގައި އީގަލްސްއިންވަނީ އިތުރު ދެ ގޯލްޖަހާ މެޗްގެ ނަތީޖާ 6-0ކަށް ބަދަލްކޮށްލާފައެވެ. މިދެ ލަނޑުވެސް އީގަލްސްއިން ޖަހާފައިވަނީ އެޓީމްއަށް ލިބުނު ދެ ކޯނަރަކުންނެވެ. އީގަލްސްގެ 5ވަނަ ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަރީފްއެވެ. އަދި އީގަލްސްގެ 6ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ހުމެއިދު ހުސައިންއެވެ.