ޚަބަރު

މާޒިޔާގެ ކޯޗުކަމުން ޝިޔާޒް ވަކިކޮށްފި


ޕްރެޒިޑެންޓްސް ކަޕްގެ ފަހު 3 މެޗްގައި ނެރުނު ދަށް ނަތީޖާތަކުގެ ސަބަބުން މާޒިޔާގެ ކޯޗްކަމުން މުހައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކޮށްފިއެވެ.

މާޒިޔާއިން އެޓީމްގެ ކޯޗްކަމުން މުހައްމަދު ޝިޔާޒް ވަކިކޮށްފައިވާއިރު، އެޓީމްއިން ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސްވަނީ ބަލިވެފައެވެ.

މާޒިޔާއިން މިއަދު ނެރުނު ބަޔާންއެއްގައި ބުނެފައިވަނީ މޯހަން ވަކިކުރަން ނިންމި ނިންމުމަކީ އެ ކްލަބްގެ ބޯޑުން ނިންމަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށެވެ. އެކަމަކު ކްލަބްގެ މި ވަގުތުގެ ހާލަތަށް ބަލާއިރު، އެންމެ ރަނގަޅު ގޮތަކީ އާ ކޯޗަކާއެކު ކުރިއަށްދިއުންކަމަށް ފެންނާތީ އެ ގޮތަށް ނިންމީކަމަށް މާޒިޔާގެ ބަޔާނުގައި ބުނެފައިވެއެވެ. މާޒިޔާއިން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ކޯޗެއް ހަމަޖެހުމުން އެކަން މީޑިއާ އަށް ހިއްސާކުރާނެ ކަމަށްވެސް ބުނެފައެވެ.

ޖެހިޖެހިގެން ތިން މެޗުން މާޒިޔާ ބަލިވެފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގައި އެޓީމް އެންމެ ފުރަތަމަ ބަލިވީ ގްރީން ސްޓްރީޓްސް އަތުންނެވެ. ޕްރެޒިޑެންޓްސް ކަޕް ލީގްގެ ފަހު މެޗްގައި މާޒިޔާ ބަލިވީ ކުލަބް ވެލެންސިޔާ އަތުންނެވެ. ހަނިގޮތަށް މާޒިޔާއަށް ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގަ ލިބުނުއިރު، ފައިނަލް މެޗުން މާޒިޔާ ބަލިކޮށް ކުލަބް ވެލެންސިޔާ ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ޗެންޕިއަންކަން ހޯދާފައެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް ތައްޔާރުވުމަށް ކޯޗް މުހައްމަދު ޝިޔާޒްއާއެކު މާޒިޔާއިން ތަމްރީންތައް ފެށީ ނ.ކެނދިކުޅުދޫގައި ކުރި ތަމްރީން ދަތުރަކުންނެވެ. ސީޒަން ފެށުމުގެ ގޮތުން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗް ކާމިޔާ ކާމިޔާބުކޮށްފައިވަނީ ވެލެންސިޔާގެ މައްޗަށް 5 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ.

ޕްރެޒިޑެންޓްސް ކަޕްގައިވެސް މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަމަވެސް މާޒިޔާއަށް ހުރަސްތަކެއް ދިމާވީ ގްރީން ސްޓްރީޓްސް އަތުން ބަލިވި މެޗަށްފަހުއެވެ. މިއީ މާޒިޔާއިން ފުރަތަމަ ޑިވިޝަންގައި ވާދަކުރަން ފެށި ފަހުން ޖެހިޖެހިގެން 3 މެޗުން ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.