ވިޔަފާރި

ދެ ބަނދަރަކުން ލިބޭ އާމްދަނީގެ އެއްބައި ސިޓީ ކައުންސިލަށް ދެއްވުމަށް އަންގަވައިފި


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އަށް ޓީޖެޓީއާއި އާއި މާލޭ ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، އެމްޕީއެލްއަށް އަންގަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީޖެޓީއާއި އާއި މާލޭ ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ގޮތަށް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެމްޕީއެލްއަށް އެންގެވީ މިމަހުގެ 17 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައެވެ. އަދި މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ބައްދަލުކޮށް މަޝްވަރާކުރުމަށް އެމްޕީއެލްއިން އެދިފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ރައީސް އޮފީހުން އެމްޕީއެލްއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެމްޕީއެލްގެ ބެލުމުގައި މިހާރު އޮތް މާލެ ނޯތު ހާބަރާއި، ޓީ ޖެޓީން ލިބޭ އާމްދަނީ މާލެ ސިޓީ ކައުންސިލާއި އެމްޕީއެލް ދެމެދު ހިއްސާ ކުރެވޭނެ މޮޑެލްއެއް ތައްޔާރުކޮށް ރައީސް އޮފީހާއި ހިއްސާ ކޮށްދިނުމަށެވެ. އެހެންކަމުން އެމްޕީއެލްއަށް ގެއްލުން ނުވާނޭ ގޮތަށް މިކަން ކުރުމަށް އިންތިޒާމުތައް ހަމަޖައްސާނޭކަމަށް އެމްޕީއެލްއިން ބުނެއެވެ.

މާލޭގެ ޓީ ޖެޓީ އަދި ނޯތު ހާބަރަކީ މާލެ ސިޓީ ކައުންސިލުގެ އިހުތިޞާސުގެ ތެރޭގައި އޮތް ދެ ބަނދަރު ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. ނަމަވެސް އެމްޕީއެލް އިން ބުނެފައިވަނީ، މާލޭގެ ބަނދަރުތައް އެމްޕީއެލްއާއި ހަވާލުކޮށްފައި ވަނީ ހައުސިންގް މިނިސްޓްރީންކަމަށެވެ. އަދި އެކަމާއި ގުޅޭ އެއްބަސްވުމަށް ބަދަލު ގެނެސް ނުވަތަ އެ ބަނދަރުތައް ނެގުމުގެ ބާރުވެސް އޮތީ ހައުސިން މިނިސްޓްރީއަށް ކަމަށް އެމްޕީއެލްއިން ވަނީ މީގެކުރިން ބުނެފައެވެ.

މާލޭ ސިޓީ ކައުންސިލާއި އެމްޕީއެލްއާއި ދެމެދު ކުރެވޭ މަޝްވަރާތަކަށް ފަހު، ދެ ފަރާތުގެ މެދުގައި އާމްދަނީ ބަހާނެ ގޮތެއް ނިންމައި، އެކަމާއި ގުޅޭ ޕްރޮޕޯސަލް ސަރުކާރުގެ އިކޮނޮމިކް ކައުންސިލަށް ހުށަހަޅުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ގެންދަވަނީ ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފައިވާ ކައުންސިލްތައް ބާރުވެރިކޮށް، ސަރުކާރުން ޖަމާކޮށްފައިވާ ބައެއް ބާރުތައް ކައުންސިލުތަކަށް ދެއްވަމުންނެވެ. މީގެއިތުރުން ލޯކަލް ކައުންސިލްތަކަށް އާމްދަނީ ލިބޭނެ މަގުފަހިވާނޭ ގޮތަށް ގާނޫނުތަކުން ވަނީ ގިނަ ބާރުތަކެއްވެސް ކައުންސިލްތަކަށް ދެއްވާފައެވެ.