ޚަބަރު

ތަފާތުތައް ނައްތާލައި އަފްޣާނިސްތާނަށް އެހީތެރިވުމަށް އދން ގޮވާލައިފި


ޚިޔާލު ތަފާތުވުންތައް ނައްތާލައި ނާޒުކު ފައްތަރެއްގައި އޮތް އަފްޣާނިސްތާނަށް އެހީތެރިވުމަށް އދން ގޮވާލައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން އދގެ ސެކެޓުރީ ޖެނެރަލް އެންތޮނިޔޯ ގުތެޚޭޝް ވިދާޅުވީ އަފްޣާނިސްތާން އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށާއި އެ ޤައުމުގައި ޠާލިބާން ޖަމާޢަތުގެ ވެރިކަމެއް އޮތް ނަމަވެސް އެ ޤައުމަށް ބޭނުންވާ ޒަރޫރީ އަދި ކުއްލި އެހީތެރިކަމުން މަޙްރޫމުވެގެން ނުވާނެކަމަށެވެ. އަފްޣާނިސްތާނުގައި އެތައް މިލިޔަން މީހުންނެއް ބަނޑުހައިހޫނުކަން ތަޙައްމަލުކުރަމުންދާކަން ފާހަގަކުރައްވަައި ގުތެޚޭޝްވަނީ ހަލާކުގެ ތެރެއަށް އެ ޤައުމު ވެއްޓިފައިވާކަމަށް ވިދާޅުވެ ކަނބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އަފްޣާނިސްތާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮތް ނަމަވެސް އެ ޤައުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނެތްކަން ބައިނަލްއަޤްވާމީ އެހީތެރިކަން ފޯރުކޮށްދޭ ޖަމާޢަތްތަކަށް ދޭން ޖެހޭކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭގައި ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާން ގެނައުމުން އެ ޤައުމުގެ 9.5 ބިލިޔަން އެމެރިކާ ޑޮލަރުވަނީ ބޭރު ޤައުމުތަކުންނާއި ޖަމާޢަތްތަކުން ހިފަހައްޓާފައެވެ. އެއާއެކު އަފްޣާނިސްތާނުގެ އިޤްތިޞާދީ ޙާލަތު ގޯސްވެ އެ ޤައުމަށްވަނީ އިންސާނީ ބޮޑު ކާރިޘާއަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ބޭރު ޤައުމުތަކުގައި ހުރި އަފްޣާނިސްތާނުގެ ފައިސާއާއި މުދާ ދޫކުރާނީ އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތައް ޠާލިބާނުން ކަށަވަރުކުރުމުންކަމަށް އެ ޤައުމުތަކުންވަނީ ބުނެފައެވެ.

އދން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނަށް ކުއްލި އެހީތެރިކަމުގެ ގޮތުގައި 4،4 ބިލިޔަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.