ޚަބަރު

ވެލެންސިޔާގެ ކޯޗަކަށް އަޙްމަދު މުޖްތަބާ


4 އަހަރަށް ފަހު ކުލަބް ކުލަބް ވެލެންސިޔާގެ ކޯޗްކަމާ އަޙްމަދު މުޖްތަބާ (ފެސްކޯ) ޙަވާލުވެއްޖެއެވެ. ކުލަބް ވެލެންސިޔާގެ ހެޑް ކޯޗްކަމާ އަޙްމަދު މުޖްތަބާ ޙަވާލުވާއިރު، އެންމެފަހުން ވެލެންސިޔާއަށް މުޖުތަބާ ކޯޗުކޮށްދީފައިވަނީ 2017ވަނަ އަހަރުއެވެ.

ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން އެއްވެސް މެޗަކުން ބަލިނުވެ، ވެލެންސިޔާ ކާމިޔާބުކޮށްފައިވަނީ ހެޑްކޯޗްއެއް ނުލާއެވެ. އެޓީމުގެ ޓީމް ލިސްޓްގައި ޖަހާފައިވަނީ ތިން އެސިސްޓަންޓް ކޯޗުންނެވެ. ވެލެންސިޔާގެ ހެޑް ކޯޗްއެއްގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު އާތިފް (އާތީ)ވަނީ ސީޒަންއަށް ތައްޔާރުވުމަށް ވެލެންސިޔާއިން ފަރިތަކުރަމުންދަނިކޮށް ހެޑްކޯޗްގެ މަޤާމުން އިސްތިއުފާދީފައެވެ. ނިމިގެންދިޔަ ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިޔާގެ ޓީމް ލިސްޓްގައި ޖަހާފައިވާ ތިން އެސިސްޓަންޓް ކޯޗުންނަކީ އިސްމާޢީލް އާސިފް (ކުޑަހީނާ)އާއި އާފިއު މުހައްމަދު އަދި އިލްމާއު ހުސެއިން (މައު)އެވެ.

ކުލަބް ވެލެންސިޔާގެ ހެޑް ކޯޗްއެއްގެ ގޮތުން އަޙްމަދު މުޖްތަބާގެ ކޯޗުކަމުގެ ދަށުން ވެލެންސިޔާ ނުކުންނާނީ މިއަންނަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ދިވެހި ޕްރިމިއަރ ލީގަށެވެ. ޕްރިމިއަރ ލީގްގެ އިތުރުން ވެލެންސިޔާއިން މިއަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައިވެސް ވާދަކުރާނެއެވެ.

އަޙްމަދު މުޖްތަބާ (ފެސްކޯ) އެންމެ ފުރަތަމަ ކޯޗިން ކެރިއަރު ފެށީވެސް ކުލަބް ވެލެންސިޔާއިންނެވެ. އެއީ އެސިސްޓަންޓް ކޯޗެއްގެ ގޮތުން 1999ވަނަ އަހަރާއި 2000ވަނަ އަހަރުއެވެ. މުޖްތަބާ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ލާސްލޯ ކިސްގެ ދަށުންނެވެ.

ފުރަތަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި ކޯޗިންގެ މަސައްކަތްކުރި ފެސްކޯ ވަނީ ޤައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފައެވެ. ފުރަތަމަ ޑިވިޝަނުގައި ފެސްކޯ ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބް، އޯލްޔޫތުލިންކްއޭޖް، ވިޔަންސާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގައިވެސް މަސައްކަތްކޮށްފައެވެ.