ޚަބަރު

މަޙްމޫދުގެ މަރު: ސާލިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކޯޓުން ކަނޑައަޅައިފި


އދ.ދަނގެތީގައި ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާ (ސާލިމް) ޢިއުތިރާފްވެފައިވާތީ އޭނާގެ މައްޗަށް މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

މަޙްމޫދުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާގެ މައްޗަށް ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 14ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކުރިއެވެ. އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށް ކުރިކަން ސާބިތުވާވަރަށް ހެކިލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މަޙްމޫދުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ޝާ އަލޮމް މިއާ ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ޝާ އަލޮމް މިއާ ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ.

މިއާއެކު މައްސަލަ ބައްލަވާ ޤާޟީ ވަނީ މި މައްސަލާގައި ހިމެނޭ ވާރިސުން ޔަޤީންކުރުމަށް ހެކިން ދަނގެތީ ކޯޓަށް ޙާޒިރުކޮށްގެން ހެކިބަސް ނަގާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ވާރިސުންގެ ބަސް ނެގޭނީ ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ފަހުންކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަހުމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފުމަށެވެ.

މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ޝާ ޢާލޮމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހުރިހާކަމެއް އޭނާކޮށްފައިވަނީ އިތުރު މީހެއްގެ ބައިވެރިވުން ނެތިކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މަޙުމޫދަށް ހަމަލާދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއްގައި މި ބަންގްލަދޭޝް މީހާގެ ބައިވެރިވުން އޮތްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.