ޚަބަރު

ކޮމަންޑޫ ދާއިރާގެ ބަހުސް މިރޭ


އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިބްތިޚާބުގެ ބަހުސް މިރޭ ޕީއެސްއެމްއިން ގެނެސްދޭނެއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދާމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީސެވެ.

މި ބަޙުސަކީ ކޮމަންޑޫ ދައިރާގެ މަޖިލިސް އިންތިޚާބުގައި، ވާދަކުރައްވާ ކެނޑިޑޭޓުން ތަޢާރަފްކޮށް، ދާއިރާ ތަރައްޤީކުރުމުގައި ކެނޑިޑޭޓުންގެ ވިސްނުުން ހުރިގޮތް އެ ދާއިރާއެއްގެ ރައްޔިތުންނާއި ޙިއްސާކުރުމަށް ފުރުޞަތު ދިނުމުގެގޮތުން ބާއްވާ ބަހުސެކެވެ.

ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީމިރޭ 9:00 ގައެވެ. މިބަހުސް ޕީއެސްއެމް ނިއުސްއާއި ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު ކުރިން އެ ދާއިރާ ތަމްސީލުކުރެއްވި ޙުސެއިން ވަހީދު އެ ގޮނޑި ކާމިޔާބުކުރެއްވީ 332 ވޯޓްގެ ތަފާތުންނެވެ. އެފަހަރު އޭނާއާއި ވާދަކުރީ ޕީއެންސީގެ ކެންޑިޑޭޓް އިބްރާހމް ރަޝީދެވެ.

ފެބްރުއަރީ މަހުގެ 5 ވަނަދުވަހު އޮންނަ ބައި އިލެކްޝަންގައި 6 ވޯޓް ފޮއްޓެއް ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި ފޮށިތަކުގެ ތެރެއިން މާލޭގައި އުޅޭ އެދާއިރާގެ ރައްޔިތުން ވޯޓްލާން ޖެހޭ ފޮށި ހުންނާނީ އިންތިޚާބާބެހޭ މަރުކަޒު، ބާ ޖަމާލުއްދީނުގައެވެ.

ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.