ޚަބަރު

ރަޝިޔާއާ ކުރިމަތިލާން އެމެރިކާއާއި ނޭޓޯގެ ފައުޖުތައް ތައްޔާރީ ޙާލަތަކަށް


ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝިޔާގެ ސިފައިންނާއި ބަރު ހަތިޔާރު ޖަމާކުރަން ފެށުމުން އެމެރިކާއާއި ހުޅަނގުގެ އަސްކަރީ ޖަމުޢިއްޔާ، ނޭޓޯއިން ތައްޔާރީ ޙާލަތަކަށް އަތުވެއްޖެއެވެ.

ނޭޓޯއިން ބުނެފައިވަނީ ވިލާތުގެ އިތުމަތީ ސަރަޙައްދުތަކަށް އިތުރު މަނަވަރުތަކާއި ހަނގުރާމަމަތީ މަތިންދާބޯޓުތައް ފޮނުވަން ނިންމާފައިވާކަމަށާއި އެ ސަރަޙައްދުގެ ޤައުމުތަކުގައި ތިބި ނޭޓޯގެ ފައުޖުތައް ތައްޔާރީ ޙާލަތަކަށް ގެނެސްފައިވާކަމަށެވެ. އޭގެ އިތުރުން އެމެރިކާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ 8،500 ސިފައިން އެ ސަރަޙައްދަށް ފޮނުވަން ތައްޔާރަށް އޮތްކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ރަޝީޔާއިންވަނީ އިތުރު 100،000 ސިފައިންނާއި ބަރު ހަތިޔާރު ފޮނުވައިފައެވެ. އެއާއެކު ކައިރި މުސްތަޤްބަލެއްގައި ރަޝިޔާއިން ޔޫކްރެއިންނަށް ޙަމަލާ ދޭނެކަމަށް އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން ޤަބޫލުކުރެއެވެ. ނަމަވެސް ރަޝިޔާއިން ބުނެފައިވަނީ ޔޫކްރެއިންގެ ސަރަޙައްދީ ރޮނގު ކައިރިއަށް ސިފައިންނާއި ބަރު ހަތިޔާރު ޖަމާކޮށްފައިވަނީ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށްކަމަށާއި ޔޫކްރެއިންނަށް ޙަމަލާ ދިނުމުގެ ވިސްނުމުގައި ނޫންކަމަށް ބުނެފައެވެ. އަދި އެމެރިކާއާއި ނޭޓޯގެ ޤައުމުތަކުން ކަނބޮޑުވުން ފައުޅުކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ކަމެއްގެ މައްޗަށްކަމަށްވެސް ރަޝިޔާއިން ބުނެފައިވެއެވެ.

ރަޝިޔާއާ ދެކޮޅަށް ނޭޓޯއާއި ލާތުގެ އިތުމަތީ ސަރަޙައްދުތަކުގެ ޤައުމުތައް އެއްގަލަކަށް އެރުވުމުގެ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑަންވަނީ އެ ޤައުމުގެ އިސްވެރިންނާއެކު 80 މިނެޓުގެ ވީޑިޔޯ ބައްދަލުވުމެއް ބާއްވަވައިފައެވެ. އެ ބައްދަލުވުމުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތާއި ޕޮލޭންޑުގެ އިސްވެރިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވިލާތުގެ އިތުމަތީ ޤައުމުތައްކަމަށްވާ އެސްޓޯނިޔާއާއި ލިތުއޭނިޔާއާއި ލެޓުވިޔާއާއި ޕޮލޭންޑުގައި ނޭޓޯގެ 4،000 ސިފައިން މިހާރުވެސް ޙަރަކާތްތެރިވެއެވެ. އޭގެ އިތުރުން ނޭޓޯގެ ގިނަ ޢަދަދެއްގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ޓޭންކަރުތަކާއި ބަރުހަތިޔާރާއި މިސައިލުން ދިފާޢުވާ ނިޒާމުތަކާއި ޖަސޫސީ ވަޞީލަތްތައްވަނީ އެ ޤައުމުތަކުގައި ޤާއިމުކޮށްފައެވެ. ނޭޓޯއިން މަސައްކަތްކުރަނީ އިތުރު 5،000 ސިފައިން އެ ސަރަޙައްދަށް ފޮނުވުމަށެވެ. އެ ގޮތުން ފަރަންސޭސިވިލާތާއި ސުޕެއިންނާއި ޑެންމާކާއި ނެދަލޭންޑްސުން ނޭޓޯއަށް އިތުރު ސިފައިންނާއި މަނަވަރުތަކާއި ބަރުހަތިޔާރު ފޯރުކޮށްދިނުމަށް ދަނީ މަޝްވަރާކުރަމުންނެވެ.

2014ވަނަ އަހަރުގެ ތެރޭގައި ރަޝިޔާއިންވަނީ ޔޫކްރެއިންނަށް ޙަމަލާ ދިނުމަށްފަހު އެ ޤައުމުގެ ކުރިމިޔާ ސަރަޙައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފައެވެ. އަދި ރަޝިޔާގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއެކު ޔޫކްރެއިންގެ އިރުމަތީ ސަރަޙައްދުތަކުގައި އެ ޤައުމުން ވަކިވެގަތުމުގެ ޙަރަކާތްތަކެއްވަނީ ފަށައިފައެވެ. އެ ގޮތުން އެ ސަރަޙައްދުގައި ރަޝިޔާއަށް ތާޢީދުކުރާ ޖަމާޢަތްތަކަށް އެހީތެރިވުމަށް ރަޝިޔާގެ ކުލީ ސިފައިން ޙަރަކާތްތެރިވެއެވެ. އެމެރިކާއާއި ނޭޓޯއިން ބުނެފައިވަނީ ޔޫކްރެއިންނަށް އިތުރު ޙަމަލާއެއް ދިނުމަށްފަހު އެ ޤައުމުގެ ބައެއް ރަޝިޔާގެ ބާރުގެ ދަށަށް ގެނެސްފިނަމަ އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށެވެ.