ޚަބަރު

ޚޫޘީންގެ މިސައިލް ޙަމަލާތަކެއް ޔޫއޭއީއަށާއި ސަޢޫދީއަށް


ޔަމަނުގެ އިދިކޮޅު ޚޫޘީ ޖަމާޢަތުން ބެލިސްޓިކް މިސައިލް ޙަމަލާއެއް ޔޫއޭއީއަށާއި ސަޢުދީ އަރަބިއްޔާއަށް ދީފިއެވެ.

ޔޫއޭއީގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ވެރިރަށް އަބޫ ދާބީއަށް ޢަމާޒުކޮށް ޚޫޘީން ދެ ބެލިސްޓިކް މިސައިލް ފޮނުވާލިކަމަށާއި ޢަމާޒަށް ވާޞިލުވުމުގެ ކުރިން އެ މިސައިލުތައް ވައްޓާލާފައިވާކަމަށެވެ. އަދި އެ ޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައިވެސް ޚޫޘީންވަނީ އަބޫ ދާބީއަށް ޢަމާޒުކޮށް މިސައިލް ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި އަބޫ ދާބީގެ މައި ވައިގެ ބަނދަރު ކައިރީގައި ހުންނަ ތެޔޮ ޓޭންކެއްގައި އަލިފާން ރޯވެ 3 މީހުން މަރުވެފައިވެއެވެ.

ސަޢުދީ އަރަބިއްޔާގެ ދިފާޢީ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމަށްވެސް ޚޫޘީން ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާކަމަށެވެ. އަދި ޢަމާޒަށް ވާޞިލުވުމުގެ ކުރިން އެ މިސައިލް ވައްޓާލާފައިވާކަމަށާއި މިސައިލުގެ ބައިތަކުން ކާރުޚާނާއަކަށާއި ބައެއް އުޅަނދުތަކަށް ގެއްލުންވެ 2 މީހުން ޒަޚަމުވެފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އީރާނުގެ އަސްކަރީ އަދި މާލީ އެހީތެރިކަމާއި އެއްބާރުލުމާއެކު ޔަމަނުގައި ހަނގުރާމަކުރަމުންދާ ޚޫޘީންނާ ދެކޮޅަށް ފާއިތުވި 6 އަހަރުދުވަހުގެ ތެރޭގައި ޔޫއޭއީއާއި ސަޢުދީ އަރަބިއްޔާއިންވަނީ ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ގޮތުން ޚޫޘީންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ވެރިރަށް ސަންޢާއަށާއި އެ ޤައުމުގެ ސަންދާގައި ހުންނަ ޖަލަކަށް ޔޫއޭއީއާއި ސަޢުދީ އަރަބިއްޔާއިން މީގެ ދުވަސްކޮޅެއް ކުރިން ޙަމަލާއެއްގައި ޖުމުލަ 80 މީހުންވަނީ މަރުވެފައެވެ. އެއާއެކު އދންވަނީ ޙަމަލާބަދަލުކުރުން ހުއްޓާލައި އެ ޙާދިޘާ ތަޙްޤީޤުކުރުމަށް ގޮވާލައިފައެވެ.

2014ވަނަ އަހަރުގެ ތެރޭގައި ޔަމަނުގައި ދާޚީލީ ހަނގުރާމައެއް ފެށުނީ ޚިޔާނާތާއި ފަސާދައާ ދެކޮޅަށްކަމަށް ބުނެ އިދިކޮޅު ޚޫޘީން ހަތިޔާރު ނަގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ޙަމަލާދޭން ފެށުމުންނެވެ. އެއާއެކު 2015ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީއާއި ސަޢުދީ އަރަބިއްޔާއިން އިސްވެ އެކުލަވާލި ޢަރަބި އަސްކަރީ އިއްތިޙާދުންވަނީ ޚޫޘީންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކޮށްފައެވެ. ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ޤައުމު ސުންނާފަތިވެ އެތައް ސަތޭކަހާސް ބަޔަކުވަނީ މަރުވެފައެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވަނީ ފަޤީރުކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ.