ޚަބަރު

އިންތިޚާބު ކައިރިވެފައިވަނިކޮށް މޮރިސަންގެ ވީޗެޓު އެކައުންޓު އަތުލައިފި


އޮސްޓުރޭލިޔާގެ ޢާއްމު އިންތިޚާބު ކައިރިވެފައިވަނިކޮށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންގެ ރަސްމީ ވީޗެޓު އެކައުންޓު އަތުލައިފިއެވެ.

އޮސްޓުރޭލިޔާގެ ވެރިކަންކުރާ ލޭބަރ ޕާޓީގެ އިތުރުން ސިޔާސީ ވާދަވެރިންވެސް އެ ޤައުމުގައި ދިރިއުޅޭ ޗައިނާ ނަޞްލުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވީޗެޓުން މުޢާމަލާތްކުރެއެވެ. ޗައިނާގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން 2011ވަނަ އަހަރުގެ ތެރޭގައި އުފައްދާފައިވާ ވީޗެޓަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ އެއް މީސްމީޑިޔާ ވަޞީލަތެވެ. އެ ގޮތުން 2021ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 1.2 ބިލިޔަން މީހުން ވީޗެޓު ބޭނުންކުރެއެވެ.

ލޭބަރ ޕާޓީން ބުނެފައިވަނީ މޮރިސަންގެ ވީޗެޓު އެކައުންޓު ހޯދުމަށް އެތައް ފަހަރަކު އެދިފައިވާކަމަށެވެ. އެ ގޮތުން އެންމެފަހުން އެ އެކައުންޓު ހޯދުމަށް އެދިފައިވަނީ މި މަހުގެ 10 ދުވަހުކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މޮރިސަންގެ ވީޗެޓު އެކައުންޓު މިހާރު ބޭނުންކުރަނީ ޗައިނާއަށް ނިޞްބަތްވާ މީހެކެވެ. އަދި އެ އެކައުންޓުން ޢާއްމުކުރަނީ އޮސްޓުރޭލިޔާގައި ދިރިއުޅޭ ޗައިނާގެ ރައްޔިތުންގެ ދިރިއުޅުމާބެހޭ މަޢުލޫމާތާއި ވާހަކަތަކެވެ.

އަންނަ މޭއި މަހުގެ ބޭއްވުމަށް ތައްޔާރުވަމުންދާ އޮސްޓުރޭލިޔާގެ ޢާއްމު އިންތިޚާބުގެ ކުރިން އެ ޤައުމުގައި ދިރިއުޅޭ ޗައިނާ ނަޞްލުގެ 1.2 މިލިޔަން ރައްޔިތުންނަށް ޚާއްޞަކޮށްގެން މޮރިސަންގެ ރަސްމީ ވީޗެޓު އެކައުންޓު މެދުވެރިކޮށް މުޢާމަލާތްކުރުމަށް ލޭބަރ ޕާޓީންވަނީ ނިންމައިފައެވެ. އެ ގޮތުން ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު ފާހަގަކުރާ ޗައިނާގެ އައު އަހަރާ ދިމާކޮށް މޮރިސަންގެ ސިޔާސަތުތައް ޗައިނާ ބަހުން ކިޔައިދިނުމަށް ލޭބަރ ޕާޓީންވަނީ ނިންމައިފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 2019ވަނަ އަހަރުގެ ތެރޭގައި މޮރިސަންގެ ވީޗެޓު އެކައުންޓެއް ހަދާފައިވަނީ ޗައިނާގެ ދިރިއުޅޭ މީހެއްގެ ނަމުގައެވެ. މީގެ ކުރިން ޗައިނާ ބަހުން މޮރިސަންގެ އެކި ސިޔާސަތުތައް އެ އެކައުންޓުންވަނީ ގެނެސްދީފައެވެ. އަދި 2020ވަނަ އަހަރުގެ ތެރޭގައި ޗައިނާއާއި އޮސްޓުރޭލިޔާއާ ޖެހުނު މައްސަލައެއްގައި ދުވަސްކޮޅަކަށް މޮރިސަންގެ ވީޗެޓު އެކައުންޓުވަނީ ބޭނުންނުކުރެވޭ ގޮތް ހަދައިފައެވެ.