ކުޅިވަރު

ލިވަޕޫލުން ޕެލަން ބަލިކޮށް ސިޓީ އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ލިވަޕޫލާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ލިވަޕޫލް ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގައިއުޅޭ މެންޗެސްޓަރ ސިޓީ އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ. ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 3 ލަނޑު އެއްލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ. މިގޮތުން މިމެޗްގެ ފެށުންވެސް ރަނގަޅުވީ ލިވަޕޫލްގެއެވެ. މިމެޗްގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު މެޗުގެ 8 ވަނަ މިނެޓްގައި ޖަހައިދިނީ ވަރޖިލް ވެން ޑައިންކްއެވެ. އަދި މެޗްގެ 32 ވަނަ މިނެޓްގައި އެލެކްސް އޮކްލޭޑް ޗެމްބަރލިން ވަނީ ލިވަޕޫލްގެ ލިޑު ފުޅާކޮށްދީފައެވެ. ނަމަވެސް މިލަނޑު ޖެހުމަށް ގޯލް ކުރިމައްޗަށް ހުރަސް ކުރި ބޯޅައަށް އޮފް ސައިޑްގައި ހުރި ރޮބާޓޯ ފިރިމީނޯ ހަރަކާތް ކުރުމާއެކުވެސް ރެފްރީ ވަނީ އެއީ ލަނޑެއް ކަމަށް ބަލާފައެވެ. މިމެޗްގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ފެނިގެންދިޔައީ ޕެލަސް ކުރިއަށް ޖެހިލާ ލުވަޕޫލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. މިގޮތުން ދެވަނަ ހާފްގެ ފުރަތަމަ ދިހަ މިނެޓްގެ ތެރޭގައި ޕެލަސްއަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔަ ކަން ފާހަގަ ކޮށްލެވެއެވެ. މެޗުގެ 55 ވަނަ މިނެޓްގައި ޕެލަސްއިން މިމެޗްގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އޮޑްސޮން އެޑުއާޑެވެ. މިލަނޑާއެކު ޕެލަސްއިން އިތުރު ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔައިރު ލިވަޕޫލް ބޮޑަށް ފެނިގެންދިޔައީ ޑިފެންޑް ކުރަމުން ހަމަލާ އުފެއްދޭތޯ މަސައްކަތް ކުރަމުންދިޔަ ތަނެވެ. އަދި މިގޮތުން އުފެއްދި ހަމަލާއެއްގައި މެޗްގެ ފަހު މިނެޓްގައި ލިވަޕޫލަށް ވަނީ ޕެނަލްޓީއެއްވެސް ރެފްރީ ދީފައެވެ. ރެފްރީ މި ޕެނަލްޓީ ދީފައިވަނީ ވިއޭއާރުން ވަރަށް ގިނައިރު ބެލުމަށްފަހު ރެފްރީވެސް ޕިޗް ސައިޑް މިނީޓަރުން ބެލުމަށްފަހު. މިޕެނަލްޓީ ކާމިޔާބުކޮށްދިނީ ފަބީނިއޯއެވެ.

މިކާމިޔާބީއާއެކު ލިވަޕޫލަށް މިހާރުވަނީ 22 މެޗުން 48 ޕޮއިންޓް ލިބިފަ. އަދި ސިޓީ އަށް ވުރެ އެއްމެޗް މަދުން ކުޅެފައިވުމުން ދެޓީމްގެ ދެމެދުގައިވާ ފަރަގު 6 ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިވަޕުލަށް ލިބިގެންވެއެވެ. އަދި މިދެޓީމް ލީގުގައި އަދި ވާދަކުރަން އޮތުމާއެކު ލިވަޕުލަށް ލީގު ކާމިޔާބު ކުރުމުގެ ރަނގަޅު ފުރުސަތެއް އޮތް ކަމަށް ދެކޭ ފަރާތްތައް މަދެއް ނޫނެވެ. މިމެޗުން ބަލިވުމުން ޕެލަސް އުޅެނީ ކުޅުނު 22 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.