ވިޔަފާރި

އިތާފުށީގެ މުވައްޒަފުންގެ ސަރވިސް ޗާޖު ބައިލައްކަ ރުފިޔާއިން މައްޗަށް!


ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގެ މުވައްޒަފުންނަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ލިބޭނެ ކަމަށް ފަތުރުވެރިކަމުގެ ދައިރާގެ މުވައްޒަފުންގެ ހައްޤުތަކަށް ވަކާލާތު ކުރާ ރިސޯޓު ވޯކާސް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސްއަކީ ފަތުރުވެރިކަމުގެ ދައިރާގެ މުވައްޒަފުންގެ ހައްޤުތަކަށް ވަކާލާތުކުރުމަށް ސޯޝަލް މީޑިއާގައި ހިންގާ ޕޭޖެކެވެ. މި ޕޭޖުން ކޮންމެ މަހަކުވެސް އެންމެ ގިނައިން ސާވިސް ޗާޖުދޭ ރިސޯޓުތައް ހާމަ ކުރެއެވެ. މި ލިސްޓުގެ ކުރި، އާންމުކޮށްވެސް ހޯދާ ވާލްޑޮފް އެސްޓޯރިއާ އިތާފުށީގެ މުވައްޒަފުންނަށް 3320 ޑޮލަރު ލިބޭނެ ކަން ވަނީ ހާމަކޮށްފައެވެ. މިއީ ގާތްގަނޑަކަށް 51،360ރ.އެވެ.

މީގެ އިތުރުން ޕޭޖުގައި އެހެން ބައެއް ރިސޯޓުތަކުގެ މަޢުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ. އެގޮތުން ދެން އެންމެ ގިނައިން ސާވިސް ޗާޖު ލިބިފައިވަނީ ވަން އެންޑް އޮންލީ ރީތި ރަށުގައެވެ. އެ ރިސޯޓުގެ ސާވިސް ޗާޖުގެ ގޮތުގައި 3089 ޑޮލަރު ނުވަތަ 47،786ރ. ވަނީ ދީފައެވެ.

މީގެ އިތުރުން އަނަންތާރާ ކިހާވައް އަދި ޕަޓީނާ މޯލްޑިވްސް ފަދަ ރިސޯޓުތަކުގައި ސާވިސް ޗާޖު 2000 ޑޮލަރަށް ވުރެ މަތިއެވެ.

ނިމިގެން މިދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަން ކަމުން ރާއްޖޭގެ ރިސޯޓުތަކައް އަންނަ ފަތުރުވެރިންގެ އަދަދުތައް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އަދި ގިނަ ރިސޯޓުތައް އައުއަހަރާއި ދިމާކޮށް އޮތީ ފުރިފައެވެ. މިއާއެކު ގިނަ ރިސޯޓުތަކުން ސަރވިސް ޗާޖު ދޭ މިންވަރު އާންމުގޮތެއްގައި އިތުރުވެއެވެ.

ވަޒީފާއާއި ބެހޭ ޤާނޫނަށް ސަރުކާރުން މިހާރު ގެނެސްފައިވާ އިސްލާހާއެކު ސާވިސްޗާޖުގެ ގޮތުގައި ނަގާ ޢަދަދުގެ މަދުވެގެން %10 މުވައްޒަފުންގެ މެދުގައި ބެހުމަށް ޤާނޫނުން މަޖުބޫރު ކުރެއެވެ. މީގެ އިތުރުން މިއަހަރު ފެށުނުއިރު މިނިމަމް ވޭޖަށް އަމަލު ކުރަން ސަރުކާރުން ނިންމާފައިވުމުން ރިސޯޓު މުވައްޒަފުންގެ ތެރެއިން ގިނަ މުވައްޒަފުންގެ މުސާ މިމަހުން ފެށިގެން ބޮޑުވާނެއެވެ.