ވިޔަފާރި

މޫދަށް ކުނި އެޅުމާ ދެކޮޅަށް 50 ގަޑިއިރުގެ ފީނުމުގެ ޙަރަކާތެއް!


ފަންސާސް ގަޑިއިރުވަންދެން ކުރިއަށް ގެންދާ ފީނުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޕްލާސްޓިކް މަދުކޮށް ދެމެހެއްޓެނިވި ޙައްލަކަށް ވަކާލާތު ކުރުމަށް ބާއްވާ ޑައިވް ޙަރަކާތް އަންނަ މަހު ފަހުކޮޅު ބާއްވަން ނިންމައިފިއެވެ.

ޔުނިކްސް ސްޕޯޓްސްއިން އިންތިޒާމުކުރާ މިޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރާވެސް ގުޅުވައިގެން ކުރިއަށް ގެންދާ އެއް ހަރަކާތެވެ. "އޯޝަން ސިކްސް ފިފްޓީ"ގެ ނަމުގައި ކުރިއަށް ގެންދާ ފީނުމުގެ މިހަރަކާތް އޮންނާނީ ފެބްރުއަރީ މަހުގެ 25އިން 27އަށެވެ.

މި ޙަރަކާތް އޮންނާނީ މާލެ އަތޮޅު ދެކުނުން އޮންނަ ކުޑަގިރި ސަރަހައްދުގައެވެ. ހަރަކާތް ފަށާނީ 25 ވަނަ ދުވަހު މެނދުރުފަށާ ފީނުގެ ޙަރަކާތާ އެކުގައެވެ. މި ޙަރަކާތުގައި މަޝްހޫރު ޑައިވަރ ޝަފްރާޒް ނައީމް 50 ގަޑިއިރު މޫދުގެ 6 މީޓަރު އަޑީގައި ހޭދަ ކުރާނެއެވެ. އޭނާ 50 ގަޑިއިރު މޫދު އަޑީގައި ހޭދަ ކުރާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދެމެހެއްޓެނި ގޮތެއްގައި ޕްލާސްޓިކް މަދު ކުރުމާއި، މޫސުމީ ބަދަލުތަކުން ކަނޑު ޙިމާޔަތް ކުރުމަށް މަސައްކަތްކުރުމަށް ބައިވެރިން ސޮއިކުރުމުންދާނެއެވެ. މި ޙަރަކާތަކީ ދެކުނުގެ އޭޝިއާ ސަރަހައްދުގައިވެސް ބާއްވާ މިފަދަ ފުރަތަމަ ހަރަކާތް ކަމަށް ޔުނިކްސްއިން ހާމަކުރެއެވެ.

ހަރަކާތުގެ އިތުރުން 50 ގަޑިއިރުގެ ވާޗުއަލް އިވެންޓެއްވެސް އެވަގުތު ކުރިއަށްދާނެއެވެ. މިއީ ހަރަކާތުގައި ސީދާ ބައިވެރިނުވެވޭ ފަރާތްތަކުން ޝަފްރާޒާއެކު ވަކާލާތުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށްދާ އިވެންޓެކެވެ. މީގެ އިތުރުން އެއްދުވަހު ފީނުމުގެ ތަމްރީން ކޭމްޕަކާއި މެރިން ކޮންޒަވޭޝަން ކޭމްޕެއް ކުރިއަށް ދާނެއެވެ. މީގެ އިތުރުން ހުވަދުއާއި އައްޑުއާއި ފުވައްމުލަކުގައި ފީނުމާ ގުޅޭ ޚާއްސަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެ.

ޝަފްރާޒް ނައީމް އަކީ ފީނުމުގެ ދައިރާގައި 27 އަހަރުގެ ތަޖުރިބާ ހުރި، އަދި "މިލިޓަރީ ޑައިވް އިންސްޓްރަކްޓަކަށް" ހަރަކާތެރިވެފައިވާ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ފަރިތަ ޑައިވަރެކެވެ. ޝަފްރާޒް ފީނަމުންދާވަގުތު ރާއްޖެއާއި ބޭރުގެ ފީނާ މީހުން އެ ސަރަހައްދަށް ފީނައި ޝްފްރާޒުގެ ޙަރަކާތުގައި ބައިވެރިވަމުންދާނެއެވެ.

އަދި ކަނޑުފަޅުގެ ކަންކަން ދިރާސާކުރާމީހުންނަށާއި ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތް ކުރާ މީހުންވެސް މިޙަރަކާތުގައި އެކިގޮތްގޮތުން ބައިވެރިވާނެއެވެ.

ޝަފްރާޒުގެ ފީނުން ކުރިއަށްދާވަގުތު ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ޔުނިކްސް ސްޕޯޓްސްއިން ހާމަކުރެއެވެ. އެގޮތުން ފީނުން ކުރިއަށްދާ ވަގުތު އެސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފާއި ޓުއަރިޒަމް މިނިސްޓްރީއާއި ލިވަބޯޑު އެސޯސިއޭޝަނުގެ މީހުން ހަރަކާތްތެރިވާނެއެވެ.