ދުނިޔެ

އިންޑިއާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިނީ ކަޝްމީރުގެ ޖަމާޢަތެއް


އިންޑިއާގެ ޕަންޖާބުގައި ހުންނަ ވައިގެ އަސްކަރީ މަރުކަޒަށް ޙަމަލާދިން ޖަމާޢަތާ ދެކޮޅަށް ޕާކިސްތާނު ފިޔަވަޅުއަޅާނެ ކަމަށް އުއްމީދުކުރާކަމުގައި އެމެރިކާއިން ބުނެފިއެެވެ.އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ، ޕާކިސްތާނުން ހަނގުރާމަވެރި ޖަމާޢަތްތަކާ  ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރަންޖެހޭ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ މަރުކަޒަށް ދިން ޙަމަލާގައި އިންޑިއާ ސިފައިންގެ 7 މީހުން މަރުވި އަދި ހަނގުރާމަވެރިންގެ 5 މީހަކު ވަނީ މަރާލާފައެވެ.މި ޙަމަލާގެ ޒިންމާ، ކަޝްމީރުގައި ހަރަކާތްތެރިވާ އިންޑިއާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޔުނައިޓަޑް ޖިހާދް ކައުންސިލުން ވަނީ އުފުލާފައެވެ.  އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ކަރބީ ވިދާޅުވީ، ހަނގުރާމަވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމަށް ޕާކިސްތާނުގެ ސަރުކާރުން އެތައް ފަހަރަކު ބުނެފައިވާ ކަމަށާއި އެމެރިކާއިން އުއްމީދު ކުރަނީ މިކަމުގައި ޢަމަލީ ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.