ޚަބަރު

ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީވުމަށް ހޯޕް ފޮރ ވިމެންއިން އެމްއޯޔޫއެއްގައި ސޮއިކޮށްފި


މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ހޯޕް ފޯރ ވިމެންއާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމް.އޯ.ޔޫ) އެއްގައި، ސޮއިކޮށްފިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޒިފްލީނާ ހަސަން އެވެ. ހޯޕް ފޯރ ވިމެންގެ ފަރާތުން ސޮއިކުރެއްވީ ޗެއަރޕާރސަން އަޙްމަދު އަންވަރު އެވެ.

މި އެމް.އޯ.ޔޫ އަކީ މިނިސްޓްރީއަށް ހުށަހެޅޭ ގެވެށި އަނިޔާ އާއި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަމާއި ޕިއަރ ސަޕޯޓް ގުރޫޕުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިނިސްޓްރީއާއެކު މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ. މި އެމް.އޯ.ޔޫގެ ދަށުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ހޯޕް.ފޯރ.ވިމެން އިން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއެކު މަސައްކަތް ކުރަމުންދާނެ އެވެ.

މިއީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށްވީތީ ކުރާ އަނިޔާ ލިބޭ ފަރާތްތަކަށް ފޯރުކޮށްދެވޭ ޚިދުމަތްތައް އިތުރުކޮށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން މި އެމް.އޯ.ޔޫގެ ދަށުން މާލޭގެ އިތުރުން އަތޮޅުތެރެއިން ހުށަހެޅޭ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެއެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ދިވެހި ކޮންމެ ތިން އަންހެނެއްގެ ތެރެއިން އެކަކީ، ޢުމުރުގެ ކޮންމެވެސް ހިސާބެއްގައި، އަނިޔާގެ ޝިކާރައަކަށްވެފައިވާ، ނުވަތަ އެ ބިރުވެރިކަން ތަޙައްމަލު ކުރަން ޖެހިފައިވާ މީހަކަށްވާއިރު، މީގެ ތެރޭގައި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ އަންހެނުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.

ސަރުކާރުން ވަނީ މިމައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 'ގެވެށި ގުޅުން' ކެމްޕެއިން މިނަމުގައި 15 ޖުލައި 2020 ވަނަ އަހަރު ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. މިކެމްޕެއިންގެ ދަށުން މުޖުތަމައު ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ރާއްޖޭ އެކި ހިސާބުތަކުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން ވޭދުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މިނިސްޓްރީއަށް ރިޕޯޓްކުރެވުނު ގެވެށި އަނިޔާގެ މައްސަލަތައް އެހެން އަހަރުތަކާއި ބަލާއިރު އިތުރުކަން ފާހަގަކުރެވިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރައްވައެވެ.