ވިޔަފާރި

ޢާންމު ޙިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި


އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް އެ ކުންފުނިން އަލުން ހުޅުވާލައިފިއެވެ.

އެންމެ ފުރަތަމަ މި މަޤާމަށް ކުރިމަތިލުމަށް އުރީދޫއިން ހުޅުވާލާފައިވަނީ މިދިޔަ މަހުގައެވެ.

ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސްއިން އަލުން ހުޅުވާލާފައިވަނީ މުޅި ރާއްޖޭގައިވެސް އަދި ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޯވިޑް19 ގެ ހާލަތު ގޯސްވެފައިވާތީއެވެ. އެ ކުންފުނިން ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ލިޔެކިޔުންތައް ހަމަކުރުމަށް ގިނަ ފަރާތްތަކަށް ދަތިވެފައިވާކަމަށެވެ. އަދި އަލުން ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ދިނުމަށް ކަމަށެވެ.

އުރީދޫގެ ބޯޑުން ހުޅުވާލާފައިވާ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00 އެވެ. އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫގެ ބޯދު ޑިރެކްޓަރުކަމުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ޝަރުތުތަކެއް ހުންނަންޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ. އޭގެތެރޭގައި އުރީދޫ މޯލްޑިވްސްގެ ހިއްސާދާރަކަށް ވުމާއި، ކެޕިޓަލްޓް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީން އާންމުކޮށްފައިވާ ލިސްޓަޑް ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ "ފިޓް އެންޑް ޕްރޮފަރ" މިންގަނޑުތައް ފުރިހަމަވާ ފަރާތެއްކަމުގައިވުން ހިމެނެއެވެ.

އަދި ބައިނަލްއަޤްވާމީގޮތުން ބަލައިގަންނަ ޔުނިވަރސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވާ ފަރާތެއްކަމުގައިވުމާއި، ދިވެހިރާއްޖޭގެ ނުވަތަ ރާއްޖެއިން ބޭރުގައި ސަރުކާރު ނުވަތަ ޕްރައިވެޓް ސެކްޓަރގައި އިސްމަގާމެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާންޖެހޭނެއެވެ. މީގެއިތުރުން މަދުވެގެން 1 އެކްޓިވް ކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވުމާއި، ބޯޑު މެންބަރެއްގެ ގޮތުގައި ކޮށްފައިވާ ޚިދުމަތުގެ ރެކޯޑް ފެންނަންހުންނަންޖެހޭނެކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުޙަބާ ކިޔައި ހިތްވަރުދޭ ކަމެއްކަމަށެވެ.