ޚަބަރު

ރައީސް ޞާލިޙް ހެޔޮ ބަދަލުތަކެއް ގެންނަވައިފި، އަދިވެސް ފުރުޞަތު ބޭނުންވޭ: ނަޝީދު


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި ރާއްޖެއަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަމަށާއި، އަދިވެސް އެމްޑީޕީން ރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ގެނައުމަށް އިތުރު 10 އަހަރު ބޭނުންވާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށްޓަކައި ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފޯކައިދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެންނަވާފައިވާކަމަށެވެ. އެފަދަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި "ހިލޭ ޑިގްރީ"އަށް ކިޔެވުމަށް މިސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތަށް ތައުރީފް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ފޯކައިދޫގެ 54 ދަރިވަރަކު މިވަގުތުވެސް ހިލޭ ޑިގްރީއަށް ކިޔަވަމުން އަންނަކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ގެންނަން ބޭނުންވަނީ ކޮންކްރީޓް ތަރައްޤީއެއް ނޫންކަމަށެވެ. އެމްޑީޕީން ބޭނުންވާ ތަރައްޤީއަކީ އަބަދުވެސް މީހާގެ ޖީބަށް ވަންނަ ފައިސާ ކަމަށާއި އެކަން ނުކުރެވޭނަމަ ތަރައްޤީއެކޭ ކިޔުމުގެ ފުރުސަތެއް ނެތްކަމަށެވެ. އެމްޑީޕީން މަސައްކަތް ކުރަމުންދަނީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ޖީބަށް ވަންނަމުންދާ ފައިސާ އިތުރު ކުރުމަށް ކަމަށާއި އެކަން އެމްޑީޕީން ކުރާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއިއެކު މިސަރުކާރުން ކުރާ އެންމެ މުހިންމު މަސައްކަތަކީ މަތީ ތައުލީމަށް ޚާއްސަ އިސްކަމެއް ދީގެން ކުރާ މަސައްކަތް ކަމަށާއި، ހިލޭ ޑިގްރީގެ ޕްރޮގުރާމަކީ މިސަރުކާރުން ހިންގާ އެންމެ ކާމިޔާބު އެންމެ ބޭނުންތެރި މަޝްރޫޢުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިހާރު މިނިމަމް ވޭޖް ކަނޑައަޅައި ކުޑައުޖޫރަ ލިބެމުންދިޔަ މީހުންނަށް ހަމަ އުޖޫރައެއް ލިބޭނެ ގޮތް ފަހިކޮށްދީފައިވާކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

"އުމްރާނީ ބިނާތަކަކުން، އެއްވެސް ތަނެއްގެ ރައްޔިތެއް ތަރައްޤީ ވެދާނެކަމަށް، އާންމު ހާލަތު ބަދަލުވެދާނެކަމަށް ހީކުރުމަކީ ކުށްހީއެއް، ބޮޑުހިލައާއި، އެއްގަމު ތޮށްޓަކީ އަޅުގަނޑުމެން ދަންނަވާ ތަރައްޤީއެއްނޫން. ތަރައްޤީއަކީ މީހާއަށް އަންނަ ބަދަލު. އަންނަ ތަރައްޤީ. ބަލިވީމާ، ބޭސްކުރެވުން، ތައުލީމު ހޯދުން. އަޅުގަނޑުމެންގެ ތަރައްޤީއަކީ ޖީބަށްވަންނަ ފައިސާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތަކީ މުޅިން އެހެން ރާއްޖެއެއް ބިނާކުރުންކަމަށެވެ. އެމަސައްކަތް މިހާރުވެސް ވަރަށް ބާރަށް ކުރެވެމުންދާކަމަށެވެ. ނަމަވެސް އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަންޖެހިފައިވާ ކަމާށާއި، މިމަސައްކަތް ކުރެވޭނީ އެމްޑީޕީއަށް އަދި އިތުރު 10 އަހަރު ލިބިގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަދިވެސް އުންމީދުކުރާ ޖަމްޕު އަދި ނުޖެހޭ. މިއަދުލާ އެންމެ ވޯޓަކުންވެސް އަދި މިކަން ނުވާނެ. އާންމު ހާލަތު ރަނގަޅުވުމަށް އެމްޑީޕީއަށް އަދި 10 އަހަރުގެ ވެރިކަމެއް ބޭނުންވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ނަޝީދުވަނީ "އިންޑިއާ އައުޓް" ހަރަކާތަށްވެސް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އިސްކޮށް ހުންވައިގެން އެކުރައްވަނީ ވަރަށް ނުރައްކާތެރި މަސައްކަތެއް ކަމަށެވެ. އެކަމުން ނިކުންނާނެ ނަތީޖާއަކީ ދިވެހި ރައްޔިތުންނަށް އެކަމުން ގެއްލުންތަކެއް ވުންކަމަށާއި، އެކަން އެނގިހުރެ ކުރައްވާ މަސައްކަތުގައި ދިވެހި ރައްޔިތުން ބައިވެރި ނުވުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ.