ވިޔަފާރި

މެރިޓައިމް ދާއިރާއިން ކިޔަވަން ބޭނުންވާ ފަރާތްތަކަށް އެމްއެސްއެސްގެ ސްކޮލަރޝިޕް


ރާއްޖޭގެ މެރިޓައިމް ދާއިރާ ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސްޓޭޓް ޝިޕިންގްއިން މެރިޓައިމް ދާއިރާއިން ސްކޮލަރޝިޕްގެ 3 ފުރުސަތެއް ހުޅުވާލައިފިއެވެ.

އެމްއެސްއެސްއިން ހުޅުވާލި މި ފުރުސަތުގައި ރާއްޖޭގެ މުޢައްސަސާތަކުން ޤަބޫލު ކުރާ ބޭރު ޤައުމެއްގެ ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން މީގެއިން ދެ ސްކޮލަރޝިޕްގައި ކިޔަވައި ނިމިގެން އައިސް، 50،000ރ. އަށް ވުރެ ބޮޑު މުސާރައެއްގައި އެމްއެސްއެސްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އެ ދެ ކޯހަކީ ނެވިގޭޝަން އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯހާއި، އިންޖިނިއަރ އޮފިސަރ ކެޑޭޓް ޓްރެއިނިންގް ކޯހެވެ. މި ދެ ކޯސް ފުރިހަމަ ކުރުމަށްވެސް 3 އަހަރު ދުވަސް ހޭދަވާނެއެވެ.

އެމްއެސްއެސްއިން ދެން ހުޅުވާލާފައިވަނީ އެއް އަހަރު ދުވަހު ރީފަރ ޓެކްނިޝަން ކޯހެކެވެ. މިއީ އެއް އަހަރު ދުވަހުގެ ކޯހެކެވެ.

އެމްއެސްއެސްއިން ހުޅުވާލި ފުރުސަތުގައި ދެނީ ފުލް ސްކޮލަރޝިޕެކެވެ. އެހެން ކަމުން ކިޔެވުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެމްއެސްއެސްއިންނެވެ.

އެމްއެސްއެސްއިން ސްކޮލަރޝިޕް ފުރުސަތު ހުޅުވާލާފައިވަނީ މިއަންނަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހާއި ހަމައަށެވެ. މިސްކޮލަރޝިޕްގެ އިތުރުން އެމްއެސްއެސްއިންވަނީ ބޮޑު މުސާރައިގެ ވަޒީފާގެ ފުރުސަތުތައްވެސް ހުޅުވާލާފައެވެ.

ޤައުމީ ޝިޕިންގް ކުންފުނި އެމްއެސްއެސް އުފެދުމަށްފަހު ރާއްޖޭގެ ޝިޕިންގް ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކުންފުނިން މީހުން ބިނާ ކުރުމަށް ކުރާ މަސައްކަތުގެ އިތުރުން އަމިއްލަ ބޯޓެއް ވެސް ވަނީ ގެނެސްފައެވެ. އަދި އިތުރު ބޯޓެއް ގަތުމުގެ މަގުމަތީގައިވާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.