ޚަބަރު

މިއަދު އެކަނިވެސް 7 ރަށެއް މޮނިޓަރިންއަށް

ކޯވިޑް-19ގެ ކޭސްތައް ފެނި 7 ރަށެއް މިއަދު މޮނީޓަރިންއަށް ލައިފިއެވެ. މިއާއެކު މިވަގުތު 23 ރަށެއް ވަނީ އެޗްޕީއޭގެ އުސޫލާއެއްގޮތަށް އަރާފޭބުން މަނާކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހު ހަފްތާއިން ފެށިގެން މާލެއާއި އަތޮޅުތެރޭގެ ރަށްތަކުން ކޯވިޑަށް ޕޮޒިޓިވްވަމުންދާ މީހުންގެ ޢަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި މިއަހަރު ފެށިގެން މިވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އަންނަނީ ރިކޯޑު މިންވަރަކަށް މީހުންނަށް ބަލިޖެހެމުންނެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ހޮނިހިރު ދުވަހު އެކަނިވެސްވަނީ 7 ރަށެއް މޮނީޓަރިންއަށް ލާފައެވެ. އޭގެތެރޭގައި ހިމެނެނީ ބ.ގޮއިދޫއާއި ޅ ކުރެންދޫއާއި، ހދ.ކުޅުދުއްފުއްޓާއި ލ.ދަނބިދޫއާއި ހިތަދޫއާއި ށ.ކަނޑިތީމާއި ވ.ކެޔޮދޫއެވެ. މި ހަތްރަށުގެ އިތުރުން މިވަގުތު އިތުރު 16 ރަށެއް އޮތީ މޮނީޓަރިންގައެވެ. މިހުރިހާ ރަށެއް މޮނީޓަރިންއަށް ލާފައިވަނީ މިހާރު ކުރިމަތިވެފައިވާ ސަރޖްގައި މިވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައެވެ.

އަތޮޅުތެރޭގެ ރަށްތަކުގެ ތެރެއިން ބަލީގެ އެންމެ ގިނަ ކޭސްތައް ރިޕޯޓު ކުރަމުންދާ އެއް ސަރަހައްދަކީ އައްޑޫ ސިޓީއެވެ. އެގޮތުން އައްޑޫއިން މިދިޔަ ހަފްތާގެ ނިޔަލަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު 500އިން މައްޗަށް އަރާފައިވާކަމަށް އައްޑޫ ކޯވިޑް ޓާސްކްފޯސްއިން ވިދާޅުވެއެވެ. އައްޑޫގައި އެންމެ ގިނައިން ކޭސްތައް މިހާތަނަށް ރިޕޯޓުކުރަމުން އަންނަނީ އެސިޓީގެ ހިތަދޫއާއި ފޭދޫއިންނެވެ.

ކޯވިޑްގެ ކޭސްތައް މިދަނޑިވަޅުގައި އިތުރުވަމުން އަންނައިރު ކުރީގެ ސަރޖްތަކާ އަޅާބަލާއިރު މިފަހަރުގެ ސަރޖްގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިންތިހާއަށް އިތުރުވުމުގެ ފުރުސަތު އެބައޮތްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިހާރުވެސް ކޯވިޑްއިން ދިފާޢުވުމަށް ފިޔަވަޅުތައް އަޅާފައިވާއިރު މިފަދަ ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން ކަމޭނުހިތާކަން އެޗްޕީއޭއިން ފާހަގަކުރައްވައެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބަށްބަލާއިރު ރާއްޖޭގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 112000އިން މައްޗަށްވަނީ އަރާފައެވެ. އަދި މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު 11000 އިން މައްޗަށްވަނީ އަރާފައެވެ. މީގެ އިތުރުން ބަލީގެ ޙާލު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކުރަމުންދާ މީހުންގެ ޢަދަދުވެސް ދުވަހުން ދުވަހަށް އަންނަނީ އިތުރުވަމުންނެވެ.

ބަލިން އަރައިގަތުމަށް މީގެ ކުރީގެ ރާޅުތަކުން އަރައިގަތުމަށް ކުރި މަސައްކަތް އަލުން ކުރަން މިވަނީ ޖެހިފައެވެ. އެހެންކަމުން ބަލީގެ އެއްވެސް ޢަލާމާތެއް ހުރިނަމަ ޕީސީއާރް ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބެންދެން އެކަހެރިވުމަށް ޢާއްމުނަށް އިރުޝާދުދެއްވާފައިވާއިރު އޮފީސްތަކުގެ ވެރިންނަށް މިކަމުގައި އެއްބާރުލުން ދެއްވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ޢާއްމުކޮށް ބޭރުތެރޭގައި އުޅޭއިރު މާސްއެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމަސްކުރައްވައެވެ.