ޚަބަރު

އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އިލްތިމާސަށް އައިއޯސީގެ މަރުޙަބާ


އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް ޤައުމުތަކުން ދޭ އަހަންމިއްޔަތުކަން ދައްކައިދިނުމަށް އދގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކުރެއްވި އިލްތިމާސަށް އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީން މަރުޙަބާ ކިޔައިފިއެވެ.

އދގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުވަނީ "އޮލިމްޕިކް ވިންޓަރ ގޭމްސް ބެއިޖިންގ 2022" ބޭއްވުމަށްޓަކާ ތައްޔާރުވަމުން އަންނައިރު މިކަމުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން ނެގެހެއްޓުމަށް އދ.ގެ މެމްބަރު ޤައުމުތަކަށް އިލްތިމާސްކުރައްވާފައެވެ. މިއާއެކު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީންވަނީ އެމަނިކުފާނުގެ މިއިލްތިމާސަށް މަރުޙަބާ ކިޔާފައެވެ.

އާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު މިއިލްތިމާސް ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އާންމު މަޖިލީހުން ފާސްކުރި ގަރާރަކާއި ގުޅިގެންނެވެ. މި ގަރާރުގައި އޮލިމްޕިކް ސުލްހައިގެ އެއްބަސްވުމަށް އިހުތިރާމް ކުރުމަށް ގޮވާލާފައިވަނީ 27 ޖަނަވަރީ އިން 20 މާރިޗު 2022 އަށެވެ. އެއީ އޮލިމްޕިކް ވިންޓަރ ގޭމްސް ފެށުމުގެ ހަތް ދުވަސް ކުރިން ފެށިގެން، ޕެރަލިމްޕިކް ގޭމްސް އަށް ފަހު ހަތް ދުވަސް ހަމަވަންދެންނެވެ.

މިއިލްތިމާސާ ގުޅިގެން އައިއޯސީގެ ރައީސް ތޯމަސް ބެޗް ވިދާޅުވީ މި އެދިލެއްވުމުގެ ނަތީޖާއެއްގޮތުން، އ.ދ.ގެ މެންބަރު 193 ޤައުމުގެ އިއްތިފާޤުން ފާސްކުރި އޮލިމްޕިކް ސުލްހައިގެ ޤަރާރުގެ މެސެޖް އިތުރަށް ވަރުގަދަވެގެން ގޮސްފައިވާކަމަށެވެ. އަދި މި އިލްތިމާސްއިއެކު، އޮލިމްޕިކް ގޭމްސްއާއި، އައި.އޯ.ސީ އިން ގެންގުޅޭ ސިޔާސީ ހަމަހަމަކަމަށް އ.ދ.އިން ތާއީދުކުރާކަން ހާމަވާކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ. އަދި މިކަމުން ދައްކުވައިދެނީ ކުޅިވަރުގެ ބާރުވެރިކަން އދ.ގެ ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަނެ، ސުލްހަވެރި ވާދަވެރިކަމުގައި ދުނިޔެ އެއްގަލަކަށް އަރުވައި، ރަނގަޅު މުސްތަގުބަލެއް ގެނެވޭނެ ކަމުގެ އުންމީދު އާކޮށްދިނުމުގައި އޮލިމްޕިކް ގޭމްސް ކުޅޭ ދައުރެވެ.

އޮލިމްޕިކް ގޭމްސްގެ މިޝަންއަށް އދގެ މެމްބަރު ގައުމުތަކުން ތާއީދުކުރަނީ، ސުލްހަވެރި އަދި އިހްތިރާމް ލިބިގެންވާ މުބާރާތެއްގައި، އެއްވެސް ތަފާތުކުރުމެއްނެތި، ދުނިޔޭގެ އެންމެ މޮޅު ފިނި މޫސުމުގެ ކުޅިވަރު އެތުލީޓުން އެއްބައިވަންތަ ކުރުމަށެވެ. އަދި ތަފާތުކަން ބޮޑު ދުނިޔޭގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަން އިހުނަށްވުރެ މުހިންމު ވެފައިވާކަމަށް ތޯމަސް އިތުރަށް ވިދާޅުވިއެވެ.

އޮލިމްޕިކް ވިންޓަރ ގޭމްސް ބެއިޖިންގ 2022 ވެގެންދާނީ، ޞުލްޙައާއި، ތަރައްޤީއާއި، ރެސިލިއަންސް، ޓޮލަރެންސް ކުރިއަރުވާ މާޙައުލެއް ޤާއިމުކުރުމަށް ފުރުޞަތު ފަހިކޮށްދޭނެ ތަނެއް ކަމުގައި މި ގާރާރުގައި ފާހަގަ ކޮށްފައިވެއެވެ. އޮލިމްޕިކް ސުލްހައިގެ އެއްބަސްވުން – 3000 އަހަރުވީ ސަގާފަތެއް އޮލިމްޕިކް ސުލްހައިގެ ސަގާފަތް – "އެކެޝެއިރިއާ" ގެ ތެރޭގައި ހުރިހާ ހަނގުރާމައެއް ހުއްޓުމަކަށް ގެނައުމާއި، އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ އެތުލީޓުންނާއި ބަލަން ދާ މީހުން ރައްކާތެރިކަމާއެކު ދަތުރުކުރުމާއި ބައިވެރިވުމުގެ ފުރުސަތު ދިނުން ހިމެނެއެވެ.