އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ޢަބްދުއްރަޙްމާން އާދަމްގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އަބްދުއްރަހްމާން އާދަމްގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމީ މަރުގެ ސީދާ ސަބަބު ދެނެގަތުމަށާއި، ތަޙްޤީގަށް ބޭނުންވާ ހެކި ހޯދުމަށްކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ. ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޕޯސްޓުމޯޓަމް ހެދުމަށް އިންޑިއާގެ ތްރިވަރަންްތަޕުރަމްއަށް މިމަހުގެ 21 ވަނަ ދުވަހު ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ޢަބްދުއްރަހްމާން ނިޔާވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިމަހުގެ 13 ވަނަ ދުވަހުއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ ރަށަށް އަރާ ފައިބާ މީހުން މޮނީޓަރ ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު، އޭނާގެ ޢުމުރަކީ 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ އަބްދުއްރަހްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ވަނީ މަޢުލޫމާތު ދީފައެވެ.
އެރަށުން މައުލޫމާތު ދިން މީހާ ކިޔައި ދިން ގޮތުގައި ބޮޑަށް އަނިޔާ ދީފައިވަނީ އޭނާގެ ބޮލަށެވެ. އަދި މިހާދިސާ ހިނގިކަމަށް ބޮޑަށް ލަފާ ކުރެވެނީ އެރޭ 12:00 އާއި 1:00 ދެމެދު ވަގުތެއްގައި ކަމަށް ބެލެވޭ ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.
ނިޔާވި އަބްދުއްރަހްމާނަކީ ދިރިއުޅުމުގެ މަސައްކަތަކަށް މަސްވެރިކަން ކުރަމުން ދިޔަ ފަރާތެއްކަން ވަނީ އެނގިފައެވެ. އަދި އޭނާގެ 2 ކުދިން ތިބޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.