ޚަބަރު

އިންޑިޔާގައި ބަލިޖެހޭ މީހުންގެ ނިޞްބަތް %17އަށް


އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ނިޞްބަތް %17.22އަށް އިތުރުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައި ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 337,704 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 488 މީހުންވަނީ މަރުވެފައެވެ.

އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ނިޞްބަތް %17.22އަށް އިތުރުވެފައިވާކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގެ ބޮޑެތި އާބާދީތައް އޮންނަ ރަށްތަކުގައި ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފަށައިފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އިންޑިޔާގެ ވެރިރަށްކަމަށްވާ ނިޔު ދިއްލީއާއި އެ ޤައުމުގެ ވިޔަފާރީގެ މައި މަރުކަޒުކަމަށްވާ މުންބާއީގައި އަޅާފައިވާ ރައްކާތެރިކަމުގެ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދޭންވަނީ ފަށައިފައެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއްކަމަށްވާ އޮމިކްރޯން ފެތުރެން ފެށުމާއެކު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 39 މިލިޔަނަށް އިތުރުވެފައެވެ. އަދި ބަލިމަޑުކަމުގައި 490،000 މީހުންވަނީ މަރުވެފައެވެ.