ޚަބަރު

އަހަރުގެ މިހާތަނަށް ރާއްޖެއަށް 80000 އަށްވުރެ ގިނަ ފަތުރުވެރިން


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 82479 ފަތުރުވެރިން ޒިޔަރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 55729 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 48 އިންސައްތަ އިތުރު އަދަދެކެެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ރަޝިއާއިން 16616 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 20.1 އިންސައްތައެވެ.

މިދިޔަ އަހަރު ނިމުނުއިރު ރަޝިއާއަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަމުން ދިޔަ ޤައުމެވެ. އޭރު ރާއްޖެއަށް އެންމެ ގިނަ އާދަދަކަށް ފަތުރުވެރިން އަންނަމުން ދިޔައީ އިންޑިއާއިންނެވެ.

މިހާރު އިންޑިއާއަކީ ރާއްޖެއަށް 4 ވަނަ އަށް އެންމެ ގިނަ އާދަދަކަށް ފަތުރުވެރިން އަންނަ ޤައުމެވެ. މިއަހަރުގެ ފުރަތަމަ 19 ވަނަ ދުވަހުގެތެރޭ އިންޑިއާއިން ރާއްޖެއަށް އައިސްފައިވަނީ 6657 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އަންނަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 7544 ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4341 ފަތުރުވެރިން އާދެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގައި ޢާއްމުގޮތެއްގައި 9 ދުވަހުގެ ޗުއްޓީއެއް ހޭދަކުރާކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.