ޚަބަރު

އެމްއެމްޕީއާރުސީން ނިއުސް ޔޫކޭއާއެކު ކެމްޕެއިނެއް ފަށައިފި


އެމްއެމްޕީއާރުސީން ނިއުސް ޔޫކޭއާއެކު ރާއްޖެ އިޝްތިހާރުކުރުމަށް ޙާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ނިއުސް ޔޫކޭއާއެކު ފަށާފައިވާ މި ކެމްޕެއިނަކީ އެއްމަސްދުވަހުގެ ކެމްޕެއިނެކެވެ. ނިއުސް ޔޫކޭއަކީ ނޫސް މަޖައްލާ، ވެބްސައިޓް އަދި ރޭޑިއޯ ޕްލެޓްފޯމްތައް މެދުވެރިކޮށް އެކި ބާވަތްތަކުގެ ޙަބަރާއި މައުލޫމާތު ފަތުރާ އިނގިރޭސިވިލާތުގެ މާސް މީޑިއާ ކުންފުންޏެކެވެ. މި ކުންފުނީގެ ދަށުން މިހާރު ޝާއިޢުކުރާ ނޫސްތަކުގެ ތެރޭގައި ދަ ޓައިމްސް، ދަ ސަންޑޭ ޓައިމްސް އަދި ދަ ސަން ހިމެނެއެވެ.

އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެންމެ ފަހުގެ މައުލޫމާތާއި، ޓްރެވަލް ގައިޑްލައިންތައް، ނިއުސް ޔޫކޭގެ ޙަބަރު ފަތުރާ އެކި ވަސީލަތްތައް މެދުވެރިކޮށް އިނގިރޭސިވިލާތުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖެ އޮތީ އިނގިރޭސިވިލާތާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ތައްޔާރަށް ކަމަށް އިޝްތިހާރުކުރުން ކަމަށާއި، މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ރިޒޯޓު، ހޮޓެލް، ގެސްޓުހައުސް، ލިވަބޯޑުތަކާއި ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

މިދިޔަ އަހަރު ތެރޭ ރާއްޖެއަށް ޖުމްލަ 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ 5 ޤައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނެއެވެ.

އެގޮތުން މިދިޔަ އަހަރުތެރޭ އިނގިރޭސިވިލާތުން ރާއްޖެއަށް 62188 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މި މުއްދަތުގައ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 4.7 އިންސައްތައެވެ.

އިނގިރޭސިވިލާތުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކުރުމަށް އެމްއެމްޕީއާރުސީން ވަނީ މިދިޔަ އަހަރުތެރޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ވެބިނާތަކާއި ޖޮއިންޓް މާކެޓިންގ ކެމްޕެއިންތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތަށް ބާއްވާފައިވެއެވެ.