ޚަބަރު

ޕްރެޝަރު އޮތީ މާޒިޔާއަށް، ޖެހިޖެހިގެން 2ވަނަ ފަހަރު މާޒިޔާ ބަލިކުރަން ބޭނުން: އާފިޢު


ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗްގެ ކުރިން މާޒިޔާ ބަލި ކުރެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ކުލަބް ވެލެންސިޔާގެ އެސިސްޓެންޓް ކޯޗް މުޙައްމަދު އާފިއު ބުނެފިއެވެ. ކުލަބް ވެލެންސިޔާ އާއި މާޒިޔާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް ނިކުންނައިރު، މީގެ ކުރިން މިސީޒަންގައި މިދެ ޓީމްވަނީ ދެ ފަހަރު ބައްދަލުކޮށްފައެވެ. ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗް މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 5 ލަނޑު 0 ލަނޑުންނެވެ. ނަމަވެސް ޕްރެޒިޑެންޓްސް ކަޕްގެ ލީގް ބުރުގެ ފަހު މެޗްގައި ވެލެންސިޔާއިންވަނީ 1 ލަނޑު 0 ލަނޑުން މާޒިޔާ ބަލިކޮށްފައެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗްގެ ކުރިން ވާހަކަދައްކަމުން ކުލަބް ވެލެންސިޔާގެ އެސިސްޓެންޓް ކޯޗް މުޙައްމަދު އާފިއުބުނީ ފައިނަލް މެޗްގެ ކުރިން މާޒިޔާ ބަލިކުރެވުމަކީ ވެލެންސިޔާ ޓީމްގެ ކުޅުންތެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. ލީގް ބުރުގެ ފަހު މެޗަށް ކުލަބް ވެލެންސިޔާ މާޒިޔާއާއި ދޮޅަށް ނިކުތްއިރުވެސް، ވެލެންސިޔާއަށްވަނީ ފައިނަލްގެ ފުރުސަތެއް ޔަގީންވެފައެވެ. ކޯޗް އާފިޢުބުނީ ފަހު މެޗަށް ނިކުތްއިރުވެސް، ފައިނަލްގެ ޖާގައެއް ޔަގީންވެފައި އޮތްނަމަވެސް، ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވީ އެއްވެސް މެޗަކުން ބަލިނުވެ، ފައިނަލަށް ދިއުންކަމަށެވެ. އެގޮތުން މާޒިޔާ ބަލިކުރެވުމަކީ ފައިނަލް މެޗަށްދާއިރު، ވެލެންސިޔާއަށްއޮތް ހިތްހަމަ ޖެހުމެއްކަމަށެވެ.

"ފައިނަލް މެޗަކީ ދެ ޓީމަށްވެސް ވަރަށް ތަފާތު މެޗެއް. ކޮންމެ ޓީމަކަށްވެސް ޕްރެޝަރު އޮންނާނެ. އެއީ ފައިނަލް މެޗަކަށްވީމަ. ކޮންމެ ޓީމެއްވެސް ފައިނަލް މެޗްގައި ބޭނުންވާނީ މޮޅުވާން. އެހެންވީމަ ދެ ޓީމަށްވެސް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ހުންނާނެ. ނަމަވެސް އެންމެ ބޮޑު ޕްރެޝަރެއް އަންނާނީ މާޒިޔާއަށް. މިވަގުތު މާޒިޔާ އަތުގައި އޮތީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމް. އެހެންވީމަ އެޓީމާއެކު ފައިނަލް މެޗް ކާމިޔާބުކުރުން އެއީ މާޒިޔާއަށް އޮންނާނެ ޕްރެޝަރެއް. ނަމަވެސް އެފަދަ ޕްރެޝަރެއް ވެލެންސިޔާއަކަށް ނެތް. އެހެންވީމަ ވެލެންސިޔާގެ ސްޓައިލްގައި ވެލެންސިޔާއިން ކުޅޭނީ މޮޅުވާން." ކޯޗް އާފިޢު ބުންޏެވެ.

މިއަންނަ އާދިއްތަ ދުވަހު ރ.އަތޮޅު އަލިފުށީގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗަށް މާޒިޔާ ނިކުންނައިރު ދެ ކާޑް ހަމަވުމުގެ ސަބަބުން ޑިފެންޑަރ ހަސަން ހައިޝަންއަށް ނުކުޅެވެއެވެ. އަދި ލީގް ބުރުގެ އެންމެ ފަހު މެޗްގައި މާޒިޔާ އާއި ކުލަބް ވެލެންސިޔާ ބައްދަލުކުރި މެޗްގައި ވެލެންސިޔާގެ ފަހަތަށް ކުޅެމުންދިޔަ އަހުމަދު ސިޒާންއަށް ދެއްކި ރަތް ކާޑްގެ ސަބަބުން ފައިނަލް މެޗްގައި ސިޒާންއަށްވެސް ނުކުޅެވޭނެއެވެ.