ޚަބަރު

ކާޑެއްދޫ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި


ގދ.ކާޑެއްދޫ ފާލަމުން ބޮޑުބައެއް ވެއްޓުމާ ގުޅިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ. ކާޑެއްދޫ ފާލަމުން ބައެއް ވެއްޓިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ދެކުނުގެ އެނމެ މުހިންމު އެއް އެއަރޕޯޓު އޮންނަ ގދ.ކާޑެއްދޫ ބަނދަރުމަތީ ފާލަމުން ބޮޑުބައެއް ވެއްޓުމާ ގުޅިގެން ފާލަން މަރާމާތުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުންސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވަނީ މިހާރު ފަށާފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ މިއީ ރައްޔިތުންނާ ސީދާ ގުޅުން ހުރިކަމަކަށްވާތީ ފާލަން މަރާމާތުކުރުމުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މިއީ ކިހިނެތް ދިމާވީ މައްސަލައެއްތޯ ބަލައި ޙައްލުކުރުމަށް ސަރވޭއެއް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާ ޢަމަލީ މަސައްކަތް މިފެށޭ ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއް ހަފްތާގެ ތެރޭގައި ފާލަމުން ވެއްޓުނުތަން މަރާމާތުކޮށް ނިމޭނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ކާޑެއްދޫ ފާލަން ވެއްޓުމާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީއާއި ރީޖަނަލް އެއަރޕޯޓްސްއާއި އެމްޓީސީސީ ގުޅިގެން، ވެއްޓުނުބައި މަރާމާތުކޮށް ނުވެއްޓި ހުރިބައި ޙިމާޔަތްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކާޑެއްދޫ އެއަރޕޯޓަކީ މީގެ 28 އަހަރުކުރިން ސަރުކާރުން ތަރައްޤީކުރި އެއަރޕޯޓެކެވެ. އެއަރޕޯޓާއެކު ތަރައްޤީކުރި ބަނދަރު އޭގެފަހުން އަލުން ތަރައްޤީކޮށް މަރާމާތުކޮށްފައިވާކަން އެނގޭކަށް ނެތެވެ.