ޚަބަރު

އދން އުތުރު ކޮރެޔާއަށް ފިޔަވަޅުއަޅަން ރަޝިޔާއާއި ޗައިނާއިން ދެކޮޅު


އެމެރިކާ އިސްވެ އދގެ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާއިންނާއި ޗައިނާއިން ހުރަސްއަޅައިފިއެވެ.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ 4 މިސައިލެއް ތަޖުރިބާކޮށްފައެވެ. އޭގެ ތެރޭގައި ކުރު ރާސްތާގެ 2 ބެލިސްޓިކް މިސައިލަކާއި އަޑަށްވުރެ ފަސްގުނަ ބާރަށް ދަތުރުކުރާ ހައިޕަސޯނިކް 2 މިސައިލެއް ހިމެނެއެވެ. އެއާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަނުގެ ޒަޢާމަތުގައި އެ ޤައުމުންވަނީ ފުރަތަމަ ފަހަރަށް އުތުރު ކޮރެޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ. އެމެރިކާގެ ސަރުކާރުން ބުނެފައިވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ އުތުރު ކޮރެޔާގެ 6 ރައްޔިތަކަށާއި ރަޝިޔާގެ ރައްޔިތަކަށާއި ރަޝިޔާގެ ކުންފުންޏަކާ ދެކޮޅަށްކަމަށެވެ. އޭގެ ތެރެއިން 5 މީހަކާ ދެކޮޅަށް ސަލާމަތީ މަޖިލީހުންވެސް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިންވަނީ އެދިފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޖަޕާނާއި އަލްބޭނިޔާއާއި އަޔަލޭންޑާއި ޔޫއޭއީއާއި ބުރެޒިލުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ ރައްޔިތުން ޤުރުބާންކުރުމަށްފަހު އުތުރު ކޮރެޔާއިން ބޭނުންވަނީ ކޮންމެފަދަ ޙާލަތެއްގައިވެސް ފަނާކުރުވަނިވި ހަތިޔާރު އުފެއްދުމަށްކަމަށެވެ. އަދި އދގެ ޤަރާރުތަކާ ދެކޮޅަށް އުތުރު ކޮރެޔާއިން ކުރަމުންދާ މަސައްކަތްތައް ހުއްޓުވަން ޖެހޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެ ޤައުމުތަކުން އެ ބަޔާން ނެރެފައިވަނީ ސަލާމަތީ މަޖިލިސް މެދުވެރިކޮށް އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާއިންނާއި ޗައިނާއިން ހުރަސްއަޅާފައިވަނިކޮށެވެ. އެ 2 ޤައުމުންވަނީ އުތުރު ކޮރެޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މައްސަލަ ސަލާމަތީ މަޖިލީހުގައި ތާވަލުކުރުމަށްވެސް ދެކޮޅުހަދައިފައެވެ. އެ ގޮތުން ޗައިނާއިން ބުނެފައިވަނީ މައްސަލައިގެ ޙަޤީޤަތް ދެނެނުގަނެ އަވަސްއަރުވާލައިގެން އުތުރު ކޮރެޔާއަށް ފިޔަވަޅު އެޅުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށާއި އެފަދަ ނިންމުމެއްގެ ނަތިޖާ ގޯސްވެ ނުތަނަވަސްކަން އިތުރުވުން އެކަށީގެންވާކަމަށެވެ.

އދން ބުނެފައިވާ ގޮތުގައި އުތުރު ކޮރެޔާގެ އިޤްތިޞާދީ ޙާލަތު ގޯސްވެ އެ ޤައުމުގެ ރައްޔިތުން ބަނޑުހައިހޫނުކަމާ ކުރިމަތިލަމުންދިޔަ ނަމަވެސް ބެލިސްޓިކް މިސައިލާއި ނިޔުކްލިޔަރ މިސައިލް ތަރައްޤީކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް މިދިޔަ އަހަރުގެ ތެރޭގައި ފުޅާކޮށްފައިވާކަމަށެވެ.