ޚަބަރު

ލާހޫރަށް ބާރުގަދަ ބޮމުގެ ޙަމަލާއެއް ދީފި


ޕާކިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށްކަމަށް ލާހޫރުގައި ވަރުގަދަ ބޮމުގެ ޙަމަލާއެއް ދީފިއެވެ.

ޕާކިސްތާނުގެ ފުލުހުން ބުނެފައިވަނީ ބޮމުގެ ޙަމަލާ ދީފައިވަނީ ލާހޫރުގެ ބާޒާރެއްގައިކަމަށާއި އެ ބޮން ހަރުކޮށްފައިވަނީ ފިހާރައެއްގެ ބޭރުގައި ހުރި ސައިކަލެއްގައިކަމަށެވެ. އެ ޙަމަލާގައި 3 މީހުން މަރުވެ 20 މީހުން ޒަޚަމުވެފައިވެއެވެ.

ލާހޫރަށް ދިން ބޮމުގެ ޙަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގެ ހުޅަނގުދެކުނުގައި އޮންނަ ބަލޫޗިސްތާނުގައި ވަކިވެގަންނަން މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާޢަތަކުންނެވެ. އަލަށް އުފައްދާފައިވާ އެ ޖަމާޢަތުން ބުނެފައިވަނީ އެ ޙަމަލާ ޢަމާޒުކޮށްފައިވަނީ އެ ސަރަޙައްދުގައި ހުރި ބޭންކަކަށްކަމަށެވެ.

ޤުދުރަތީ މުއްސަނދިކަން ލިބިފައިވާ ބަލޫޗިސްތާނުގައި ޙަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުން ވަކިވެގަތުމަށް ހަނގުރާމަކުރާތާވަނީ އަހަރުތަކެއްވެފައެވެ. އެ ގޮތުން އެ ޖަމާޢަތްތަކުން ޢާއްމުކޮށް ޙަމަލާދެނީ ބަލޫޗިސްތާނާއި އީރާނާއި އަފްޣާނިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޗައިނާއިން ތަރައްޤީކުރާ ވިޔާފާރީގެ ވަޞީލަތްތަކަށާއި ޕާކިސްތާނުގެ ސަރުކާރުގެ އިމާރާތްތަކަށެވެ. އަދި ލާހޫރުފަދަ ރަށްތަކަށް ޙަމަލާ ދިނުމަކީ ޢާއްމުކަމެއް ނޫނެވެ.