ވިޔަފާރި

ގަން އެއާޕޯޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ބޮޑު މަޝްރޫއެއް


އަވިން ހަކަތަ އުފައްދައި އެ ނިޒާމުން އުފައްދާ ކަރަންޓު ވިޔަފާރި އުސޫލުން ކަރަންޓު ގަތުމަށް ޕަވާ ޕާޗޭޒިންގް އެގްރީމެންޓް(ޕީޕީއޭ)އެއް ގައި ފެނަކަ ކޯޕަރޭޝަނުން ސޮއިކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކްލިއަރ ފިއުޗަރ ސިނާޖީސް ލިމިޓެޑާއިއެވެ. މިއެއްބަސްވުމުގެ ދަށުން އައްޑޫގައި 4.5 މެގަ ވޯޓުގެ އަވިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ. މި ނިޒާމު ހަރުކުރާނީ ދެ އައްޑޫގެ ދެ ސަރަހައްދެއްގައެވެ. އެއީ ގަމުގައި ހަރުކުރާ ބަޔަކާއި، ހުޅުމީދޫގައި ހަރުކުރާ ބައެކެވެ.

މީގެ ތެރެއިން 2 މެގަވޯޓު ހުޅުމީދޫ އަވަށުގައި ޤާއިމުކުރާއިރު، މިއީ ބެޓަރީ ސްޓޯރޭޖް ސިސްޓަމާއިއެކު ހަރުކުރެވޭ ނިޒާމެކެވެ. ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ ހުޅުމީދޫގައި ޤާއިމުކުރެވޭ ނިޒާމުގެ ތެރެއިން، އެ ރަށުގައި ކައިރީގައިވާ ރިސޯޓުތަކަށް ކަރަންޓު އިޔާދަ ކުރަނިވި ހަކަތަ ބޭނުން ކޮށްގެން ފޯރުކޮށްދިނުމެވެ. މީގެއިތުރުން ރާއްޖޭގެ ފުރަތަމަ ސައްތައިންސައްތަ އަވިން އުފައްދާ ކަރަންޓު ބޭނުން ކުރާ ފުރަތަމަ އެއާޕޯޓަށް ގަން އިންޓަނޭޝަނަލް އެއާޕޯޓު ހެދުމަށް ގަމުގައިވެސް ސޯލާ ޕީވީ، 2 މެގަވޯޓުގެ ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމު ކުރެވޭނެއެވެ.

ފެނަކަ ކޯޕަރޭޝަނުން އޮންލައިންކޮށް ބޭއްވި ރަސްމީއްޔާތުގައި ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެވެ.

ފެނަކައިން ބުނީ ގޮތުގައި އައްޑޫގައި ކްލިއަރ ފިއުޗަރ ސިނާޖީސް ލިމިޓެޑުން ޤާއިމު ކުރާ ނިޒާމުގެ ސަބަބުން އަހަރެއްގެ މައްޗަށް ޑީސެލް އަންދާ މިންވަރު 2.1 މިލިއަން ލީޓަރު މަދު ކުރެވޭނެކަމަށެވެ. އަދި 5500 ޓަން ކާބަން ޑައިއޮކްސައިޑް ޖައްވަށް ބޭރު ކުރެވޭ މިންވަރު މަދު ކުރެވޭނެއެވެ. މިމަޝްރޫޢުގައި ސޮއިކުރުމާއި ގުޅިގެން އެންވައިރަމެންޓް މިނިސްޓްރީން ވަނީ މިއީ ސަރުކާރުން 2030 ވަނަ އަހަރު ނެޓް ޒީރޯ ހާސިލުކުރުމަށް ކުރާ މަސައްކަތަށް ލިބިގެންދިޔަ މުހިންމު ކާމިޔާބެއް ކަމަށް ވިދާޅުވެފައެވެ.