ޚަބަރު

ސެޓެލައިޓް ސްކޫލާއެކު ފެހެންދޫ ދަރިވަރުން އުފަލުން ފޮޅިފައި


އާބާދީގެ ގޮތުން ކިތަންމެ މަދު ބަޔަކު ދިރިއުޅުނުނަމަވެސް ކޮންމެ ރަށކަށްވެސް ލިބެންޖެހޭ އަސާސީ ޙައްޤުތައް ހަމަހަމައެވެ. މިކަމުގައި އެއްވެސް ރާށެއް އެއްވެސް ރައްޔިތެއް އިސްތިސްނާވެގެން ނުވާނެއެވެ. މިއީ މިހާރުގެ ސަރުކާރުން ކަށަވަރުކުރައްވަން ބޭނުންވާ މުހިންމު ސިޔާސަތެކެވެ. ސަރުކާރުގެ ތަރައްޤީގެ ސިޔާސަތައް ބަލާލުމުން އެކަން ސާފެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މިހާތަނަށް ތަންފިޒުކުރެއްވި މުހިންމު ކަންކަމުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މި ދިރާސީ އަހަރުގެ ދެވަނަ ޓާމް ކިޔެވުން ފެށުނު ދުވަހު ރަސްމީކޮށް ފެށްޓެވި ސެޓެލައިޓް ސްލޫކުގެ ޚިދުމަތެވެ. ބ.އަތޮޅުގައި އާބާދީގެ ގޮތުން އެންމެ މަދުން މީހުން ދިރިއުޅޭ ފެހެންދޫގައި ސެޓެލައިޓް ސްކޫލްގައި ކިޔަވައިދޭން ފެށުމާއެކު އެތައްބަޔަކަށް އުފާވެރި އިޙްސާސްތަކެއް ކުރެވިގެންދިޔައެވެ. ޚާއްސަކޮށް މިރަށުގެ ދަރިވަރުންނަށް އުފަން ރަށުގައި ތިބެގެން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ފަހިވެ ބޮޑު އުފަލެއްވަނީ ލިބިފައެވެ.

ސެޓެލައިޓް ސްކޫލުގައި ކިޔެވުން ފެށުނު ދުވަހަކީ އެދަރިވަރުންނާ ބެލެނިވެރިންގެ ލޯތަކުން އުފަލުން ކަރުނަ ހިލުނު ދުވަހެވެ. ސަރުކާރަށް ހައްޤު ޝުކުރު މި ދަރިވަރުންގެ ބެލެނިވެރިންކިޔަނީ ނުހަނު އުފަލުން ތިބެއެވެ.

"އެންމެ ފުރަތަމަ ދަތުރު ފެށިމީހުންގެ ތެރެއިން މީހެއް އަޅުގަނޑަކީ މިހާރު އެދަރިފުޅު ގްރޭޑް 10 ނިމިއްޖެ މިހާރު ހުރި ދަރިފުޅަކީ ހާއްސަ އެޙީއަށް ބޭނުންވާ ކުއްޖެއްވީމަ އުނގުމަތީގައި އުފުލަނީ ޑިންގީގައި. ވަރަށްވެސް ބޮޑު އުފަލެއް މިއަދު މިލިބުނީ މިވަރުބޮޑު އުފަލެއް ހިތްހަމަޖެހުމެއް މިރަށު މީހުންނަކަށް ނުލިބޭނެ" ފެހެންދޫ ބެލެނިވެރިއަކު ކިޔައިދިނެވެ.

މިމީހުން ދަރިންނަށް ތައުލީމް ހޯދައިދިނުމަށް އުފުލި ބުރަ އިޙްސާސް ކުރެވޭނީ މިކަން ތަޖުރިބާ ކުރި މީހަކަށެވެ. މީ ހަމަ ހުރިހާ ބެލެނިވެރިންގެވެސް ވާހަކަހުރިގޮތެވެ. ސަރުކާރަށް ޚާއްސަ ޝުކުރެއް ކަނޑުމަގުން ދަތުރުކުރުން ހުއްޓުމަކަށް ގެނުވައި ދަރިންނަށް ރަށުގައި ތިބެގެން ކިޔެވުން ފަހިކޮށްދިނީތީއެވެ.

"ހާދަހާ އުފަލެއްވެއްޖޭ ކަނޑުމަގުން ދަތުރު ކުރީ ބިރުވެރިކަމާއެކު. ވިއްސާހާ ލޮނެއްގައި ވެހޭހާ ވާރޭއެއްގައި ދޭހާ އަތްވެއްގައި މިކަން ތަޖުރިބާ ނުކުރާބަޔަކަށް ނޭނގިދާނެ މިކަމުގެ ހުރި ވޭން" ފެހެންދޫއިން ވާހަކަ ދެއްކި ބެލެނިވެރިން ބުންޏެވެ.

ހަމަ ގައިވުވެސް މިއަދު މިދަރިވަރުން މިތިބީ އުފަން ރަށުގައިހުރި ސްކޫލެއްގައި ކިޔަވާށެވެ. މިއަދު ފެންވަރައި ރީތިވެގެން ޔުނީފޯމް ލައިގެން ބަނދަރަށް ދާކަށް ނުޖެހެނެއެވެ. ކޮންމެދުވަހަކު ދެއިރު ކަނޑުމަގުން ދަތުރު ކުރުން ނިމުމަކަށް ގެނުވީތީ މިދަރިވަރުންވެސްތިބީ އުފަލުންނެވެ. އެކުދިން ކުރަމުން އައި އުންމީދަށް ނިމުން ގެނުވިކަން އެދަރިވަރުންގެ މޫނުމަތިން އެދުވަހު ފެނިގެންދިޔައެވެ. ކަނޑުމަގުން ދަތުރުކޮށް ތައުލީމް ހާސިލް ކުރުމަށް ކުރި ދަތުރު ނިމުމަކަށްގެނުވީތީ އެކުދިންވެސް ބުނަނީ މިއީ ހާދަރަގަޅު ކަމެކޭ މިހެންނެވެ.

"ވަރަށް އުފާވެއްޖެ ރަށުގައި ކިޔެވުން ފެށުނީމަ. މިއީ ވަރަށްބޮޑަށް ކުރި އިންތިޒާރެއް ކޮންމެ ދުވަހަކު ދަތުރުކުރުން ނިމުނީމަ ވަރަށް އުފާވޭ" ފެހެންދޫ ދަރިވަރަކު ބުންޏެވެ.

އަދިވެސް މި ދަރިވަރުންނަށް ސްކޫލަށްދާން ތައްޔާރުވެގެން ޔުނީފޯމް ލައިގެން ފާލަން މައްޗަށް ދެވިދާނެއެވެ. އެއީ އާދަވެފައިވާ ކަމަކަށް ވީމައެވެ. ފެހެންދޫ ސްކޫލް ބަންދުކޮށް ގޮއިދޫސްކޫލަށް އޭރުކިޔެވި ދަރިވަރުން ބަދަލުކުރީ 2008ވަނަ އަހަރުއެވެ. ކަނޑުމަގުން ކުޑަ ޑިންގީއެއްގައި ދަތުރުކޮށް ގްރޭޑް 10 ނިންމާފައި ތިބި ދަރިވަރުންވެސް މިހާރު އެރަށުގައި އެބަތިއްބެވެ.

މިހާރު ސްކޫލުގެ ކިޔެވުން ނިންމާފައި ކޮންމެ ދުވަހަކުވެސް މިދަރިވަރުނަށް ސަލާމަތާ ރައްކާތެރިކަމާއެކު ގެއަށް ދެވޭނެކަން ޔަޤީނެވެ.