ޚަބަރު

ރާއްޖެ އިސްތިހާރުކުރުމަށް އައު މަސައްކަތެއް!


ރާއްޖޭގެ ތަފާތު ބައެއް ތަޖްރިބާތަށް ދުނިޔެއަށް ދައްކާލުމަށް ތައްޔާރުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހާއްސަ ސޯޝަލް މީޑިއާ ސީރީޒް "އެކްސްޕީރިއަންސް ލައިވް ފްރޮމް މޯލްޑިވްސް" ފަށައިފިއެވެ.

މިއީ ރާއްޖޭގެ ތަފާތު ތަޖުރިބާތައް ވަކިވަކި މާކެޓްތަކަށް ގެންގޮސްދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ސޯޝަލްމީޑިއާ ސީރީޒްއެކެވެ.

ދިހަ އެޕިސޯޑަށް ބަހާލައިގެން ކުރިއަށްގެންދާ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު މިހާރު ވަނީ ފޭސްބުކާއި ޔޫޓިއުބްގައި ލޯންޗްކޮށްފައެވެ. އެޕިސޯޑެއްގެ ދިގުމިނަކީ 60-45 މިނެޓެވެ. އަދި މި ސީރީޒް ވެއިބޯ އާއި ވީޗެޓްގެ އިތުރުން ޖަޕާނާއި ދެކުނު ކޮރެއާއަށް ހާއްސަކޮށްފައިވާ އެމްއެމްޕީއާރުސީގެ
ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ހިއްސާ ކުރާނެއެވެ.

މި ސީރީޒްގެ އެޕިސޯޑްތައް ޚާއްސަކުރެވިފައިވަނީ އޮސްޓްރޭލިއާ، ޗައިނާ، ފްރާންސް، ޖަރުމަނުވިލާތް، އިންޑިއާ، އިޓަލީ، ޖަޕާން، މެދުއިރުމަތި، ރަޝިއާ، ދެކުނު ކޮރެއާ، ދެކުނު އިރުމަތީ އޭޝިއާ، ސްކެންޑިނޭވިއާ، ޔޫކޭ އަދި އެމެރިކާގެ ފަތުރުވެރިންނަށެވެ.

މި ކެންޕެއިނަކީ ދުނިޔޭގެ އެކި މާކެޓްތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް އެމްއެންޕީއާރުސީން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ހިންގޭ މާކެޓިން ކެންޕެއިނެކެވެ. މި ސީރީޒް މެދުވެރިކޮށް ރާއްޖޭގެ ތަފާތު ތަޖުރިބާތައް ބައިނަލްއަޤްވާމީ ފެންވަރުގައި އިސްތިހާރުކުރެވޭނެއެވެ.

މިގޮތުން ރާއްޖޭގެ ތަފާތު މަންޒިލްތަކުގެ ރީތި މަންޒަރުތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުރި ތަފާތު ތަޖުރިބާތައް ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ މީހުންގެ ސްކްރީން ތަކާއި ހަމައަށް ފޯރުކޮށްދީ ތަފާތު މީޑިއާތައް މެދުވެރިކޮށް ދައްކާ މި މަންޒަރުތަކުގެ ސަބަބުން، ރާއްޖެއާމެދު އޮންނަ ޝައުގުވެރިކަން އިތުރުކުރެވިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރެވިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.