ޚަބަރު

އެކްސްޕޯ 2020ގައި ދިވެހި ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލުމަށް ހުޅުވާލައިފި


"އެކްސްޕޯ 2020"ގައި ރާއްޖޭގެ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތައް ދައްކާލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ކޮންމެ 5 އަހަރަކުން އެއް އަހަރު ބާއްވާ، ވޯލްޑް އެކްސްޕޯ ދުބާއީ ގައި ފަށާފައިވަނީ މިދިޔަ އޮކްޓޯބަރ މަހުގެ ފުރަތަމަ ދުވަހުއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯ 2020ގައި ބައިވެރިވާން ބޭނުންވާ ދިވެހި ފެޝަން ޑިޒައިނަރުންނަށް އެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. ބައިވެރިވުމަށް ހުށަހަޅާ ދިވެހި ފެޝަން ޑިޒައިނަރުންގެ ތެރެއިން އެންމެ އެކަށީގެންވާ ހުށަހެޅުމެއް ހުށަހަޅާ 2 ފަރާތަކަށް އެކްސްޕޯ 2020ގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭނެއެވެ. އަދި ޝައުޤުވެރިކަން ފާޅުކުރައްވާ ދިވެހި ފެޝަން ޑިޒައިނަރުންގެ ޕްރޮޕޯސަލްތަކަށް ބަލައި ހޮވޭ ފަރާތްތަކުގެ އުފެއްދުންތައް ޝޯވކޭސް ކުރުމަށްޓަކައި ހިގާނެ ޚަރަދުގެ ބައެއް، އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ހަމަޖައްސައިދެއްވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެކްސްޕޯ 2020ގައި ބައިވެރިވާން ބޭނުންވާ ފެޝަން ޑިޒައިނަރުން މިމަހުގެ 26ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން، ޕްރޮޕޯސަލްތައް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއަށް ނުވަތަ [email protected] އަށް އީމެއިލް ކުރަން ޖެހެއެވެ.

މިއެކްސްޕޯ އަކީ، ރާއްޖޭގެ ޓޫރިޒަމާއި ސަޤާފަތާއި ދިވެހި ތާރީޚާއި ދިވެހި އުފެއްދުންތައް، އަދި ރާއްޖޭގެ ތަރައްޤީގެ ކުރިމަގު، މުޅި ދުނިޔެއަށް ދައްކާލަން ލިބިފައިވާ ރަނގަޅު ފުރުސަތަކެވެ. މި އެކްސްޕޯ ކުރިއަށްދާނީ 6 މަސްދުވަހަށެވެ. ދުނިޔޭގެ 191 ޤައުމުން މިއެކްސްޕޯގައި ބައިވެރިވެއެވެ. އެކްސްޕޯގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ޙަރަކާތްތައް ދަނީ ބާއްވަމުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންގައި، ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާ ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށެވެ.