ޚަބަރު

ބައި-އިލެކްޝަންގައި ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި


އަންނަ މަހުގެ 5ވަނަ ދުވަހު ބާއްވާ ބައި-އިލެކްޝަންތަކުގައި ރަށްވެހި ވެފައިވާތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރަޖިސްޓްރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އަންނަ މަހުގެ 5ގައި 3 ދާއިރާއެއްގައި ބައި އިލެކްޝަން ބާއްވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ބާއްވާ ތ.ވިލުފުއްޓާއި ގއ.ގެމަނަފުއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ދާއިރާތަކަށް ވޯޓުލާ މީހުންނަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިމަހުގެ 24އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބާއްވަން ތައްޔާރުވަމުން އަންނަ ތިން ބައި އިލެކްޝަންގެ ތެރެއިން އެންމެ ވާދަވެރީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައެވެ. އެ ދާއިރާއަށް ތިން ކެނޑިޑޭޓެއް ވާދަކުރެއެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން މުޙައްމަދު ރަޝިދާއި، އިދިކޮޅު ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާދަމާއި، ދާދި ފަހުން އުފެއްދި ސިޔާސީ ޕާޓީ އެމްއެންޕީގެ ފަރާތުން ވާދަކުރާ ޢަބްދުލްހަންނާން އިދުރީސެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނޭ ތިން ރަށްކަމަށްވާ ކޮމަންޑުއާއި، ފޯކައިދޫ، މަރޮށި ހިމެނޭ އެ ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ. އަދި 6 ވޯޓް ފޮށްޓެއް އެ އިންތިޚާބުގައި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ.

ބައި އިލެކްޝަންތަކުގައި ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައިވަނީ އެ ދާއިރާތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ހުންނަ އިންތިޚާބުތަކާއި ބެހޭ މައި މަރުކަޒުގައެވެ.