ޚަބަރު

ޔާމީން ރަޝީދުގެ މަރު: ކުށް ސާބިތުނުވި 4 މީހުންގެ މައްސަލަ އިސްތިއުނާފްކުރަނީ!

ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތު ނުވި 4 މީހުންގެ މައްސަލަ އިސްތިއުނާފްކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ހ. އަންނާރުމާގެ، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، މ. އިރާސްމިކް، އަޙްމަދު ޒިހާންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ހުކުމް ކޮށްފައެވެ. އަދި، އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާން އުމުރަށް ޖަލަށްލުމާއެކު، ޔާމީންގެ ރަޝީދުގެ މަރުގެ ދިޔައިގެ ގޮތުގައި -/1،333،333 (އެއްމިލިއަން ތިންސަތޭކަ ތިރީސް ތިން ހާސް ތިންސަތޭކަ ތިރީސް ތިން ރުފިޔާ) ޔާމީން ރަޝީދުގެ ޢާއިލާއަށް ދިނުމަށްވެސް އެ ހުކުމުގައިވެއެވެ.

އިސްމާޢީލް ހައިޝަމް ރަޝީދުއާއި، އަޙްމަދު ޒިހާންއަކީ ޔާމީން ރަޝީދު މަރާލުމުގެ ޢަމަލުގައި ޢަމަލީގޮތުން ބައިވެރިވެ، މިކަމުގައި އެންމެ އިސްދައުރެއް އަދާކުރި ދެ މީހުންނެވެ. ޕީޖީ އޮފީހުން ވިދާޅުވީ އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަކީ މިމައްސަލައިގައި އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އެ އޮފީހުން ދެކޭކަމަށެވެ.

މި މައްސަލައިގައި އިތުރު ބައެއްގެ މައްޗަށްވެސް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ. އެއީ ގދ. ގައްދޫ، ސިންދުބާދުގެ، މުޙައްމަދު ދިފްރާންއާއި، މ. ކުދެހިގެ، ޙަސަން ޝިފާޒުއާއި، މ. ޠާއިފް، އިސްމާޢީލް ރަޝީދުއާއި، މ. ކޮޅުފުށި، އީސްޓް، ޙުސައިން ޒިޔާދެވެ. ޕީޖީ އޮފީހުން ބުނީ މި 4 މީހުންނަކީވެސް ޔާމީން ރަޝީދު މަރާލުމުގެ ޢަމަލު ރޭވުމުގައާއި، އެކަން ތަންފީޛްކުރުމުގައި އެކިމިންވަރަށް ބައިވެރިވެފައިވާ ބައެއްކަން މައްސަލައިގެ ހެކި އަދި ޤަރީނާއިން އެނގޭކަމަށެވެ.

މި ހަތަރު މީހުންގެ މައްޗަށް ކުރި ދަޢުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރައްވާފައިވާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުގެ ނިޔަތް އެބައޮތްކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ. މިމައްސަލައިގައި ކްރިމިނަލް ކޯޓުގެ ނިންމެވުމުގެ ފަހުގެ ބަޔާންތަކާއެކު މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ލިބުމުން، އެ ރިޕޯޓް ދިރާސާކުރުމަށްފަހު، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެ ހަތަރު މީހުންގެ ބައި އިސްތިއުނާފު ކުރުމާމެދު ފަހު ނިންމުމެއް ނިންމާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.

ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ، މިބާވަތުގެ އަނިޔާވެރި ކުށްތަކުގެ މައްސަލަތައް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި ޕީޖީ އޮފީހުން ދެކޭކަމަށާއި، މިފަދަ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ދެވެން އޮތް އެންމެ ދުރަކަށް ދާނެކަމަށްވެސް ޕީޖީ އޮފީހުން ވިދާޅުވިއެވެ.