ޚަބަރު

"ފްލައިޓްގައި އަލިފާނުގެ ޙާދިސާއެއް ނުހިނގާ، ދުން އެރީ"


ހަނިމާދޫން ފުރަން ތައްޔާރުވެފައި އޮތް މޯލްޑިވިއަންގެ ބޯޓަކުން ދުން އެރުމުގެ ހާދިސާއެއް ހިނގައި އެކަން ބެލުމުގެ މަސައްކަތް ފަށައިފިއެވެ. އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ ބޯޓުގައި އަލިފާން ރޯވުމުގެ ޙާދިސާއެއް ހިނގާފައި ނުވާކަމަށެވެ.

ދުން އަރާފައިވަނީ ޕައިލެޓުން ތިބޭ ކޮކްޕިޓްގެ "ވިންޑްޝީލްޑް ފެއިލިއަރ"އަކާ ގުޅިގެން ހިނގި ޝޯޓެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޖެނިފާ ލަތީފް ވަނީ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވާފައެވެ.

ހާދިސާ ހިނގާފައިވަނީ ބޯޓު ނައްޓާލަން ތަންރާރުވެ، އޭޕްރަންގައި އޮއްވައެވެ. ޖެނީފާ ވިދާޅުވީ ހާދިސާ ހިނގުމާއެކު ބޯޓުން މީހުން ހުސްކޮށްފައިވާކަމަށެވެ. އަދި މިހާރު މޯލްޑިވިއަންގެ އިންޖިނިއަރިންގެ ޓީމުން މައްސަލަ އިތުރައް ދެނެގަންނަމުން ދާކަމަށެވެ.

ފްލައިޓަށް ދިމާވި ޙާދިސާއާއި ގުޅިގެން ނުފުރިފަ ތިބި މީހުން، ފުރުވުމުގެ އިންތިޒާމްތައްވެސް ހަމަޖައްސަވަމުންދާކަމަށް ޖެނިފާ ވިދާޅުވިއެވެ.