ޚަބަރު

ޓޮންގާއަށް އެރި ސުނާމީގައި ބައެއް އަވަށްތައް ޗާޓުން ގެއްލިއްޖެ


ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ޙާލަތު ދެނެގަތުމުގެ މަސައްކަތްކުރަމުންދާކަމަށް އެ ޤައުމުން ބުނެފިއެވެ.

ޓޮންގާގެ ސަރުކާރުން ބުނެފައިވަނީ އެ ޤައުމުގެ ބައެއް ސަރަހައްދުތަކަށް 5 މީޓަރާއި 10 މީޓަރުގެ އުސްމިނުމުގެ ސުނާމީއެއް އެރިކަމަށާއި އެ ޤައުމުގެ ގިނަ އަވަށްތައް ޗާޓުން ފޮހެވިފައިވާކަމަށާއި އެ ޤައުމަށް ލިބިފައިވަނީ ފިއްކަނޑައިގެންދާވަރުގެ ގެއްލުންތަކެއްކަމަށެވެ. އަދި އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގެ ސަބަބުން މަރުވި މީހުންނާއި ގެއްލުނު މީހުންގެ ޢަދަދު ސާފުވާން ދުވަސްތަކެއް ނަގާނެކަމަށްވެސް އެ ޤައުމުން ބުނެފައިވެއެވެ.

ޓޮންގާއަށް ކުރިމަތި ކާރިޘާގެ ސަބަބުން އެ ޤައުމުގެ ގިނަ ސަރަޙައްދުތަކުންވަނީ ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑިފައެވެ. އެހެންކަމުން އެ ޤައުމުގެ ޙާލަތު ވަޒަންކުރުމަށް އަވަށްޓެރި ނިޔު ޒީލޭންޑާއި އޮސްޓުރޭލިޔާއިން ކުރަމުންދާ މަސައްކަތްތަކަށްވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައެވެ.

ޓޮންގާއަށް އެރި ސުނާމީގެ އަސަރު ޕެސިފިކް ކަނޑުގެ އަނެއް ބިތުގައި އޮންނަ ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ޗިލީއަށްވެސްވަނީ ކޮށްފައެވެ. ޗިލީގެ އިތުރުން ޖަޕާނަށްވެސްވަނީ 1 މީޓަރުގެ އުސްމިނުގެ ސުނާމީއެއް އަރައިފައެވެ.