ޚަބަރު

ރާއްޖެއަށް ބީދޭސީން އެތެރެކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި


ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން އެތެރެކުރަމުންދިޔަ ބިދޭސީންގެ ދެމީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަވައިފިއެވެ. އިމިގްރޭޝަން ޑިޕާޓްމަންޓްގެ މީޑިއާ އޮފިސަރ ޙަސަން ޚަލީލް ވިދާޅުވީ، މި ދެމީހުންވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދެވީ، ފުލުހުންގެ އެހީތެރިކަމާއެކު މިއަދު ހިންގެވި އޮޕަރޭޝަންގައި އައްޑޫ ސިޓީ ހިތަދޫންނާއި، ވިލިމާލެއިންކަމަށެވެ. މި ދެ ބިދޭސިންނާ ގުޅޭގޮތުން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ފިޔަވަޅުއަޅުއްވާނެ ކަމަށާއި، ފުލުހުންނަށް ހުށަހަޅުއްވަންޖެހޭ މައްސަލައެއް އޮތްނަމަ އެކަންވެސް ކުރައްވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. އަދި މިދެމީހުން ޑީޕޯޓްކުރައްވާނެ ކަމަށްވެސް ޚަލީލް ވިދާޅުވިއެވެ. ޤަވާޢިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯއްދަވައި ފިޔަވަޅު އެޅުއްވުމަށް މިހާރު ހިންގަވާ އޮޕަރޭޝަންގެ ތެރެއިން މިއަދު ވަނީ 16 ރެސްޓޯރެންޓެއް ޗެކްކުރައްވައި، ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބި ފަސް ރެސްޓޯރެންޓެއް ޖޫރިމަނާކުރައްވާފައެވެ. މި ފަރާތްތައް ޖޫރިމަނާކުރެއްވީ ދިހަހާސް ރުފިޔާއިންނެވެ. ފައިތުވިދިޔަ ހަތަރު ދުވަހުގެ ތެރޭގައި 67 ފަރާތެއް ޖޫރިމަނާ ކުރައްވާފައިވާކަމަށް އިމިގްރޭޝަން ޑިޕާޓްމަންޓުން ހާމަކުރައްވައެވެ.