ޚަބަރު

ފުޅަދޫގައިވެސް ސެޓެލައިޓް ކްލާސްރޫމެއް ހަދަނީ


އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ބ.ފުޅަދޫގައި ސެޓެލައިޓް ކްލާސްރޫމެއް ހަދާނެކަމުގެ ޔަޤީންކަން އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ދެއްވާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ބ.އަތޮޅު ފެހެންދޫގައި "ސެޓެލައިޓް ސްކޫލް" އިފްތިތާހް ކުރެއްވުމަށް އެރަށަށްކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ ޢާއިޝަތު އަލީވަނީ ފުޅަދޫގެ ތައުލީމީ ޙާލަތު ބައްލަވައި ރަށު ކައުންސިލާއި ސްކޫލްގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.

އެރަށުގެ ރައްޔިތުން ބޭނުންވާ އެންމެބޮޑު އެއް ކަމަކީ ރަށުގައި ތިބެގެން ދަރިވަރުންނަށް ފަސޭހައިން ތަޢުލީމު ޙާސިލްކުރެވޭނެ ފުރުސަތު ފަހިވެގެން ދިއުންކަން ރަށުކައުންސިލާއި ސްކޫލުގެ ވެރިން ވަނީ މިނިސްޓަރަށް ދަންނަވާފައެވެ.

ފުޅަދޫ ސްކޫލްގައި މިހާރު ކިޔަވައިދެނީ ގްރޭޑް 8އާ ހަމައަށެވެ. މިސްކޫލްގައި މިހާރު ތައުލީމް ހާސިލް ކުރަމުން ދަނީ 42 ކުދިންނެވެ. ފުޅަދޫ ސްކޫލްގައި ގްރޭޑް 9ގެ ފެންވަރަށް ކިޔައިދެވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ކައުންސިލުން އެދުމުން މިނިސްޓަރ ވަނީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭއިރު ސެޓެލައިޓް ކްލާސް މެދުވެރިކޮށް ގްރޭޑް 9ގެ ފެންވަރަށް ކިޔަވައިދެވޭނެ ކަމުގެ ޔަޤީންކަން ދެއްވާފައިކަމަށް އެރަށު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ސެޓެލައިޓް ކްލާސް ރޫމެއް ހެދުމުން ތައުލީމު ޙާސިލްކުރުމަށް މިހާރު އެރަށުގެ ދަރިވަރުންގެ ވެލެނިވެރިން ކުރާ ހޭދަ ކުޑަވެގެންދާނެއެވެ.