ވިޔަފާރި

ފަތުރުވެރިންނަށް ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް ކައުންޓަރެއް


މިހާރު މާލޭ ބަނދަރުގައި އޮތް ޖަޕާންގެ ކްރޫޒްލައިނަރ "ޕީސް ބޯޓް" ގެ ފަތުވެރިންނަށް ޚާއްޞަ ކައުންޓަރެއް އެއް ނަންބަރު ފާލަމުގައި މިއަދު ހުޅުއްވައި، އަމިއްލަ އުފެއްދުންތައް ފަތުރުވެރިންނަށް ވިއްކުމުގެ އިންތިޒާމް ހަމަޖައްސައިދީފިއެވެ. މިކަމަކީ ރާއްޖޭގައި އުފައްދާ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓްކުރެއްވުމަށް އެހީތެރިވެދެއްވުމުގެ ގޮތުން ކުރެއްވި ކަމެކެވެ. ރާއްޖޭގެ ކޯޕަރޭޓިވް ސޮސައިޓީތަކާއި އަމިއްލަ ފަރާތްތަކުން އުފައްދާ އެކި ބާވަތްތައް އިޝްތިހާރުކޮށްދީ ބާޒާރު ހޯއްދަވައިދެއްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިހާރު ރާއްޖެއަށް އައިސްގެން އުޅޭ ޖަޕާނުގެ ކްރޫޒްލައިނަރ ޕީސް ބޯޓްގެ ފަތުރުވެރިންނަށް ޚާއްޞަކުރައްވައިގެން ހިންގަވާ ޙަރަކާތަކީ ފިޝަރީޒް މިނިސްޓްރީން ކުރިއަށް ގެންދަވާ ޙަރަކާތެކެވެ.މިއަދު އެއް ނަންބަރު ފާލަމުގައި ހުޅުއްވި ކައުންޓަރުން ރާއްޖޭގެ ބައެއް ކޯޕަރޭޓިވް ސޮސައިޓީތަކުގެ އުފެއްދުންތަކާއި އަދި ސަބާ ޕްރޮޖެކްޓްގެ ދަށުން ބައެއް ފަރާތްތަކުން އުފައްދާ ބާވަތްތައް މި ކައުންޓަރުން ފަތުވެރިންނަށް ދަނީ ވިއްކަމުންނެވެ. މިއަދު ހުޅުއްވި މި ކައުންޓަރުން ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ މި ކްރޫޒްލައިނަރގެ ފަތުރުވެރިންގެ ފަރާތުން އެދެވޭ ތަރުޙީބެއް، އަމިއްލައަށް ތަކެތި އުފައްދާ ފަރާތްތަކުން ވިއްކަން ނެރެފައިވާ ބާވަތްތަކަށް ލިބިފައިވާކަމަށެވެ. އެގޮތުން މި ބާވަތްތައް ގަތުމުގެ އިތުރުން އެކި ބާވަތްތަކުގެ ރަހަބެލުމަށްފަހު ފަތުވެރިން އެ ބާވަތްތަކަށް ތަޢުރީފްކޮށްފައިވާކަމަށް މި ފަރާތްތަކުން ބުންޏެވެ. މިއަދު ހެނދުނު އަށެއްޖެހިއިރު ހުޅުވި މިކައުންޓަރ ބަންދުކުރީ ފަސްގަޑިބައިގައިއެވެ. މި ކައުންޓަރ މާދަމާ ހެދުނު އަށަކުން ފަސްގަޑިބައަށް ހުޅިވިފައި ހުންނާނެކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ. ޖަޕާންގެ ކްރޫޒްލައިނަރ ޕީސް ބޯޓުން ޖުމްލަ އަށްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ދަތުރުކުރެއެވެ.