ޚަބަރު

ޓޮންގާއަށް އެރި ސުނާމީން ލިބުނު ގެއްލުން އަދިވެސް ދެނެނުގަނެވޭ


ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ ޤައުމެއްކަމަށްވާ ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީން ލިބުނު ގެއްލުން އަދިވެސް ދެނެނުގަނެވޭކަމަށް އަވަށްޓެރި ޤައުމުތަކުން ބުނެފިއެވެ.

ޖަނަވަރީ މަހުގެ 16ވަނަ ދުވަހު ކަނޑުއަޑީގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުން އެ ޤައުމަށް 1.2 މީޓަރުގެ އުސްމިނުމުގެ ސުނާމީއެއް އަރާނެކަމުގެ އިންޒާރުވަނީ ދީފައެވެ. އެ ސުނާމީގެ އަސަރު ޕެސިފިކް ކަނޑުގައި އޮންނަ ޖަޒީރާ އެހެން ޤައުމުތަކާއި ޖަޕާނަށްވެސްވަނީ ދީފައެވެ. އެއާއެކު އެ ޤައުމުތަކުގެ މީހުންވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ޓޮންގާގެ އަލިފާން ފަރުބަދައެއް ގޮވައި އެ ޤައުމަށް އެރި ސުނާމީގެ ސަބަބުން އެ ޤައުމުންވަނީ ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ކެނޑިފައެވެ. އެއާއެކު އެ ޤައުމުގައި ދިރިއުޅޭ 105،000 މީހުންނާ ގުޅޭ ގޮތެއް ނެތި އަވަށްޓެރި ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްވެސް މަސައްކަތެއް ކުރެވޭނެ ގޮތްވަނީ ނުވެފައެވެ. އަދި އެ ކާރިޘާގައި ޓޮންގާއިން މަރުވި މީހުންނާއި ޒަޚަމުވި މީހުންގެ ޢަދަދުވެސް ޔަޤީން ކުރެވިފައެއް ނުވެއެވެ.

ޓޮންގާއާ 2,383 ކިލޯމީޓަރު ދުރުގައި އޮންނަ ނިޔު ޒީލޭންޑުން ބުނެފައިވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ވައި ނުސާފުވުމުގެ ސަބަބުން ވައިގެ މަގުން ޓޮންގާއަށް ލިބިފައިވާ ގެއްލުންތައް ދެނެގަންނަން ކުރި މަސައްކަތްތަކަށް އުނދަގޫތަކެއް ކުރިމަތިވިކަމަށެވެ. އޮސްޓުރޭލިޔާއާއި އެމެރިކާއިންވަނީ ޓޮންގާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށެވެ.

ޓޮންގާއަށް އެރި ސުނާމީގެ އަސަރު ޕެސިފިކް ކަނޑުގެ އަނެއް ބިތުގައި އޮންނަ ދެކުނު އެމެރިކާގެ ޤައުމެއްކަމަށްވާ ޗިލީއަށްވެސްވަނީ ކޮށްފައެވެ. ޗިލީގެ އިތުރުން ޖަޕާނަށްވެސްވަނީ 1 މީޓަރުގެ އުސްމިން ހުރި ސުނާމީއެއް އަރައިފައެވެ.