ޚަބަރު

އިންޑިޔާގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ބަލިޖެހޭ މީހުންގެ ޢަދަދުތައް ދަށަށް


އިންޑިޔާގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް ދަށަށްދާން ފަށައިފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 258,089 މީހުންނަށެވެ. އެއީ އޭގެ ކުރީ ދުވަހަށްވުރެ ގާތްގަނޑަކަށް 20،000 މީހުން މަދު ޢަދަދެކެވެ. އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދަކީ 37.38 މިލިޔަންނެވެ. އެ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިގެން 385 މީހުންވަނީ މަރުވެފައެވެ. އެއާއެކު ބަލިމަޑުކަމުގައި އެ ޤައުމުގައި މަރުވި މީހުންގެ ޢަދަދުވަނީ 486,451އަށް އިތުރުވެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 2 ދުވަހުގެ ތެރޭގައި އެ ޤައުމުގެ އާބާދީ ބޮޑެތި ސަރަޙައްދުތަކުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދުތައް ދަށަށް ގޮސްފައިވާކަމަށެވެ. އަދި ފާއިތުވި ހަފުތާތަކުގައި އެ ޤައުމުގައި ބަލިޖެހިފައިވާ މީހުން ބަލިން ފަސޭހަވެފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

އިންޑިޔާގެ އެންމެ އާބާދީ ބޮޑު މުންބާއީގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ އެ ރަށުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ފާއިތުވި 1 މަސްދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 10،000އަށްވުރެ ދަށަށް ގޮސްފައިވާކަމަށެވެ. ޖަނަވަރީ 7ވަނަ ދުވަހު އެ ޢަދަދުތައް ހުރީ 20،000އަށްވުރެ މަތީގައެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައިވެސް ބަލިޖެހޭ މީހުންގެ ޢަދަދުތައްވަނީ 2 ހަފުތާއަށްފަހު ދަށަށްދާން ފަށައިފައެވެ. އެ ގޮތުން ނިޔު ދިއްލީގައި ބަލިޖެހޭ މީހުންގެ ޢަދަދުތައްވަނީ 28،000ން 15،000އަށްވުރެ ތިރިވެފައެވެ. މުންބާއީއާ އެއްގޮތަށް ނިޔު ދިއްލީގައި ކޯވިޑް-19އަށް ފަރުވާދޭ ޚާއްޞަ މަރުކަޒުތަކުގެ އެންދުގެ %20 ހުރީ ހުހަށްށެވެ.

އިންޑިޔާގެ 18 އަހަރުންމަތީގެ އާބާދީގެ %70 މީހުންވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.